އަހުމަދު މަސްނޫމް   30 ސެޕްޓެމްބަރު 2020 - 17:43
ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ހުއްދަ 109 ސަފާރީއަކަށް ދީފައިވާކަމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި ފަތުރުވެރިން އަންނަން ފަށާފައިވާއިރު ޚިދުމަތްދިނުމުގެ ހުއްދަ ދެނީ ގައިޑްލައިންތަކަށް ފެތޭ ސަފާރީތަކަށެވެ.

ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ ފަތުރުވެރިންނަށް ޚިދުމަތްދިނުމުގެ ހުއްދަ މިހާތަނަށް 109 ސަފާރީއަކަށް ޓޫރިޒަމް މިނިސްޓްރީން ދީފައިވާކަމަށެވެ. މީގެތެރޭގައި މިމަހާއި އަންނަމަހު ޚިދުމަތަށް ނިކުންނަ ސަފާރީތައްވެސް ހިމެނެއެވެ.

ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިއިރު ރިސޯޓްތަކާއިއެކު ސަފާރީތައްވެސް ހުޅުވާލުމަށް ވަނީ ހުއްދަދީފައެވެ. ސަފާރީތަކުން ހުއްދައަށް އެދޭއިރު ޓޫރިޒަމް މިނިސްޓްރީއަށް ޑެކްލަރޭޝަން ފޯމާއި، އޮޕަރޭޓިންގ ލައިސަންސްއާއި، މީރާގެ ޓެކްސް ކްލިއަރެންސް ފޯމާއި، އެ ސަފާރީއަކުން ސަލާމަތާއި ރައްކާތެރިކަމުގެ މިންގަޑުތައް ގެންގުޅޭނެ ގޮތުގެ ޕްލޭނެއް ހުށައަޅަންޖެހެއެވެ. ޓޫރިޒަމް މިނިސްޓްރީން ހުއްދަދެނީ މިހުރިހާ ކަންކަމަކަށް ރިއާޔަތް ކުރުމަށްފަހުއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ނުލިބެނީސް އެއްވެސް ސަފާރީއަކުން ފަތުރުވެރިންނަށް ޚިދުމަތްދީގެން ނުވާނެކަމަށާއި ސަފާރީ ބޯޓުތަކުގެ ކުރޫންނާއި ފަތުރުވެރިން މީހުންއުޅޭ ރަށްރަށަށް ނޭރުމަށްވެސް ބޯޓިން އެސޯސިއޭޝަނުން ސަފާރީތަކަށް ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން