ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު
އެމްއެމްޕީއާރްސީ މައްސަލަ އާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ އަށްވެސް އޭނާ އިއުތިރާފުވެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް އުފުލާފައި ވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ. ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލިސްގައި އެ ހުރިހާ ދައުވާ ތަކަށް އަދީބު ވަނީ އިއުތިރާފުވެވަޑައިގެންފައެވެ.

އަދީބު ވިދާޅުވީ މީގެކުރިން ކުރެވުނު ކުށްތަކަށް ތައުބާވެ ވަޑައިގެންފައިވާ ކަމަށެވެ. އަދި އޭނާ އަށް މީގެކުރިން ކުރެވުނު ކުށްތަކަށް ދިވެހި ރައްޔިތުންގެ އަރިހުން މައާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ކަންކަން ހިނގާފައިވާ ގޮތް ކިޔައިދިނުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"އަޅުގަނޑު އިއުތިރާފްވެ ކިޔައިދެމުންދާ ވާހަކަތަކަށް ރިއާޔަތްކޮށް، ވީހާ ވެސް ލުއި އަދަބެއް ކަނޑައަޅައިދިނުން (އެދެން)." އަދީބު ވިދާޅުވި އެވެ

މީގެއިތުރުން ޕީޖީއާއި އަދީބުއާ ދެމެދު ވެވިފައިވާ އިއުތިރާފްގެ އެއްބަސްވުމާ ގުޅޭގޮތުން އަދީބު ވިދާޅުވީ، އެއީ ސައްހަ ރަނގަޅު އެއްބަސްވުމެއް ކަމަށެވެ. އަދީބު އެހެން ވިދާޅުވުމުން ގާޒީ ވަނީ ޝަރީއަތަށް އެ އިއުތިރާފްގެ އެއްބަސްވުން ބަލައިގަންނަކަމަށް ނިންމަވާފައެވެ.

އަދީބު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލަން ބޭނުންނުވެ، އޭނާއާ ވަކި ބައެއް މިމައްސަލާގައި ޖަލަށްލުމަށް ބޭނުންވުމުން، އޭރު އެއްބާރުލުން ނުދިން ނަމަވެސް، ސަރުކާރު ބަދަލުވުމުން މިސަރުކާރަށް އެއްބާރުލުން ދެމުންދަނީ، މިސަރުކާރުން އިހުލާސްތެރިކަމާއެކު މިމައްސަލަތައް ބަލަން ބޭނުންވާތީ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ ހަމައެކަނި އޭނާއާ ހަމައިން ނިމޭނެ މައްސަލައެއް ނޫންކަމަށާއި، އެމްއެމްޕީއާރުސީން ކުއްޔަށް ދޫކުރި ރަށްތަށް ކުއްޔަށް ދޫކުރުމުގައި އަމަލުކޮށްފައިވަނީ ރައީސް އޮފީހުން އަންގާ ގޮތެއްގެ މަތިން ކަމަށް އަދީބު ވިދާޅުވިއެވެ. އަދި އޭނާ އަމިއްލައަށް އެއްވެސް ރަށެއް ވިއްކާ ފައިސާ ނަގާފައި ނުވާނެ ކަމަށާއި، އެހުރިހާ މުއާލަމާތްތަކެއް ހިންގަމުންދިޔައީ ރައީސް އޮފީހުން އަންގާ ގޮތެއްގެ މަތިން ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.

"މިއީ ކުރީގެ ސަރުކާރުން ވަކި ގޮތަކަށް ރާވައިގެން ވަކި އިންތިޒާމެއްގެ ދަށުން ވަކި ސްކޭމެއްގެ ދަށުން ހިންގާފައިވާ ކަމެއް މިއީ." އަދީބު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން މުއާމަލާތްތައް ހިންގަމުން ދިޔައީ އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގެން އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކަން ފާހަގަކުރައްވައި އޭރު އެކަންކަން ކުރަން ފެށީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިނަށް ފައިސާ ހޯދުމަށް ކަމަށް އަދީބު ވިދާޅުވިއެވެ. އަދި އެމްއެމްޕީއާރުސީން ލިބުނު ފައިސާތައް ރައީސް ޔާމީނާއި މަޖިލީހާއި ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ހޭދަކުރި ކަމަށް ވިދާޅުވެ އެކަމުގެ ބައެއް ތަފްސީލް ތައް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ ހާމަކުރައްވާފައެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ  2012 އާއި 2013 ވަނަ އަހަރުވެސް ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ކަމަށާއި، އޭރު ރަށްތަށް ކުށްޔަށް ދޫކުރަމުން ދިޔައީ ބިޑް ކޮށްގެން، ދެފުށްފެންނަ ގޮތަށް ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ މެންޑޭޓަށް ބަދަލު ގެންނަވައި، ގާނޫނާއި ގަވާއިދު ތަކަށް ބަދަލު ގެންނަވައި، ރަށްތަށް ކުށްޔަން ދޫކުރަމުންދިޔައީ ރައީސް އޮފީހުން ރައީސް ދެއްވާ އިރުޝާދުގެ ދަށުން ކަމަށް އަދީބު ވިދާޅުވިއެވެ. އެގޮތުން އެންމެ ފުރަތަމަ، އެމްއެމްޕީއާރުގެ ހިޔާނާތާއި ކޮރަޕްޝަންުގެ އަމަލުތައް ހިންގީ 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، އެމްޕީއެލުން 77 މިލިއަން ރުފިޔާއާއި އެމްޓީޑީސީން ނެގި އެއް މިލިއަން ޑޮލަރާ ހަމައިން ކަމަށް ވެސް އަދީބު ވަނީ ވިދާޅުވެފައެވެ.

އަދީބު ދައުވާ ތަކަށް އިއުތިރާފުވުމުން އަވަސް ނިޔާގެ ޝަރީއަތުގެ އަޑު އެހުމެއް އަންނަ ހަފްތާގެ ހޯމަ ދުވަހު ބާއްވާނެ ކަން އިއުލާން ކުރުމަށްފަހު މިއަދުގެ ޝަރީއަތުގެ މަޖިލިސް ވަނީ ނިއްމާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން