ޕްރޮގްރާމްތައް އިފްތިތާޙް ކުރުން
ޕްރޮގްރާމްތައް އިފްތިތާޙް ކުރުން
އިޖްތިމާއީ ރައްކާތެރިކަމާއި، ސިއްހީ ދާއިރާގެ މުހިންމު 05 ޕްރޮގްރާމެއް މާދަމާ އިން ފެށިގެން ތަންފީޒު ކުރަން ހެލްތު މިނިސްޓްރީ އާއި، އެންސްޕާ އިން ނިންމައިފިއެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ފޯރުކޮށްދޭ މި ހިދުމަތްތައް އިފްތިތާހުކޮށްފައިވަނީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމްއާއި، ސޯޝަލް މިނިސްޓަރ ޑރ. އައިޝަތު ޝިހާމެވެ.

ޖެނުއަރީ 1 އިން ފެށިގެން ތަންފީޒު ކުރާނެ ކަންކަމަށް ބަލާއިރު، ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މާދަމާއިން ފެށިގެން އެފަރާތްތަކަށް ކޮންމެ މަހަކު 2،000 ރުފިޔާގެ އިނާޔަތެއް ދިނުން ހިމެނެއެވެ.

މި އިނާޔަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، 21 އޮކްޓޯބަރު 2025 ގައި ލ. ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ދޭން ނިންމި އެހީއެކެވެ. ރައީސް ވަނީ މިކަމަށް ބޭނުންވާ ފައިސާ 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަން ކުރިން އިއުލާނު ކުރަށްވާފައެވެ.

ހަމައެއާއެކު ސިއްހީ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ލިބޭ ހުރިހާ ބާވަތެއްގެ ތެރެޕީގެ ހިދުމަތްތަކަށް ހިނގާ ހަރަދު އާސަންދަ ސްކީމް މެދުވެރިކޮށް މާދަމާއިން ފެށިގެން ހަމަޖެހިގެން ދާނެއެވެ. އަދި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގެ ހުރިހާ ހަރަދެއްވެސް އާސަންދަ ސްކީމްގެ ދަށުން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެންސްޕާއިން ވަނީ ނަފްސާނީ ބައްޔަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދަ ސްކީމް މެދުވެރިކޮށް ކަވަރުކޮށްދޭ ސިއްހީ ހިދުމަތްދޭ 7 ތަނެއްވެސް އިއުލާނުކޮށްފައެވެ. އެ 7 ތަނަކީ ސެނަ ހިޔާ، އީވް ކްލިނިކް، ސައިމާ ކެއަރ، އެލީޓް މެޑިކަލް، ކުލުނު މެޑިކަލް ކްލިނިކް، މެޑްނޯވާ މެޑިކަލް ސެންޓަރ އަދި ވީ-ކެއަރ ކައުންސެލިން އެންޑް ސައިކޯ ތެރަޕީ ސެންޓަރެވެ.

މީގެއިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބޭސްފަރުވާގެ ލުއިފަސޭހަތައް ހަމަޖެއްސުމަށް ކުރެވޭ މަސައްކަތުގެ ދަށުން "މެރަނަ" ސްކީމް ސްކީމް މެދުވެރިކޮށް ފިލިޕީންސްގައި ދިރިއުޅޭ ދިވެހި ކިޔަވާކުދިންނާއި، ރައްޔިތުންނަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

"މެރަނާ" ސްކީމަކީ ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާ ދިނުމަށް ކުރިއަށް ގެންދާ ސްކީމެކެވެ. އެ ސްކީމްގެ ޚިދުމަތް ފުޅާކޮށް، މާދަމާއިން ފެށިގެން މިހާރު މިވަނީ ފިލިޕީންސްގައި ދިރިއުޅޭ ދިވެހީންނަށް ވެސް އެ ޚިދުމަތް ފުޅާކޮށްފައެވެ. އެހެންކަމުން މެރަނާ ސްކީމްގެ ދަށުން ފިލިޕީންސްގައި ދިރިއުޅޭ ދިވެހީންނަށް ބޭސްފަރުވާއަށް ހިނގާ ޚަރަދުގެ 65 ޕަސެންޓާ ހަމައަށް އާސަންދައިގެ ދަށުން ދެން ހަމަޖައްސައިދޭނެއެވެ.

މީގެ އިތުރުން ފަގީރު ހާލުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ މިންވަރުވެސް މާދަމާއިން މަހެއްގެ މައްޗަށް ފެށިގެން 12،000 ރުފިޔާއާ ހަމައަށް އިތުރުވާނެއެވެ. އެގޮތުން މަހެއްގެ މައްޗަށް ހަތަރު ކުދިންނާއި ހަމައަށް ކޮންމެ ކުއްޖަކަށް 3،000 ރުފިޔާގެ އިނާޔަތެއް ލިބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު