ހައިޝަމް ރަޝީދާއި، އަހުމަދު ޒިހާން
ހައިޝަމް ރަޝީދާއި، އަހުމަދު ޒިހާން
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގަރ، ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ، ހައިޝަމް ރަޝީދާއި، އަހުމަދު ޒިހާންގެ ހުކުމް ހައިކޯޓުން ބާތިލުކޮށް، އެ މީހުން މިއަދު މިނިވަން ކުރި ނަމަވެސް، އެ މީހުން އަލުން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ހައިޝަމް ރަޝީދާއި، އަހުމަދު ޒިހާންގެ ދެ މީހުންގެ ޖަލު ހުކުމް ބާތިލްކޮށް، އެ ދެމީހުންނާއި، އެ މައްސަލާގައި ކުށް ސާބިތު ނުވެ ސަލާމަތްވި މުހައްމަދު ދިފްރާންއާއި، އިސްމާއީލް ރަޝީދުގެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން މިއަދުވަނީ ކްރިމިނަލް ކޯޓަށް އަމުރު ކޮށްފައެވެ.

މި މައްސަލައިގައި މިހާރު ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ ޒިހާނާއި، ހައިޝަމްގެ ހުކުމް ބާތިލު ކުރުމުން ދައުލަތުން ވަނީ އެ މީހުން ބަންދުކޮށްދޭން ކްރިމިނަލް ކޯޓުގައި އެދިފައެވެ. އެހެންކަމުން ހައިކޯޓުން ކްރިމިނަލް ކޯޓަށް ތަހުވީލްކުރި މައްސަލައިގެ ޝަރީޢަތް ނިމެންދެން ހައިޝަމް ރަޝީދާއި، އަޙްމަދު ޒިހާން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމާފައެވެ.

ޔާމީން ރަޝީދު މަރާލީ އޭޕްރީލް 23، 2017 ގައި އޭނާ ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި އޭނާއަށް ތޫނު އެއްޗަކުން ހަމަލާ ދީގެންނެވެ. އޭނާގެ ހަށިގަނޑުގެ 30 ތަނަކަށް ހަމަލާ ދީފައިވެއެވެ.

މި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި ހުޅުމާލޭ ނަމްބަރު 11399 އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

އެ މައްސަލާގައި ޖެނުއަރީ 2022 ގައި ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވީ ހައިޝަމާއި، ޒިހާންގެ މައްޗަށެވެ. އެ ދެމީހުން އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި ނަމަވެސް ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ވަނީ ސަލާމަތްވެފައެވެ.

ކުށް ސާބިތުނުވި މީހުންގެ ތެރެއިން އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރިއިރު، ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވި ހައިޝަމާއި ޒިހާންގެ ފަރާތުން ވެސް އެ މީހުންގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރިއެވެ.

މި މައްސަލަ ހައި ކޯޓުން ބެލުމަށް ފަހު ތިން ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުން ހުކުމް ކުރެއްވީ ހައިޝަމާއި ޒިހާންގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމަށެވެ. އަދި އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައިވެސް އަލުން ބަލަން ހައި ކޯޓުން ވަނީ އަންގާފައެވެ.

އޭގެއިތުރުން ދަށު ކޯޓުން މައްސަލަ ބަލާއިރު ސިއްރު ހެކިވެރިއެއްގެ ހެކިބަހާ މެދު އަލުން ގޮތެއް ނިންމުމަށް ހައި ކޯޓުގެ ހުކުމުގައި އަންގާފައި ވެއެވެ. ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއުއާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާއާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ.



ކިޔުންތެރިންގެ ހިޔާލު