އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު
ރައީސް މުޢިއްޒު ބޭރު މީހުންނަށް ބިން މިލްކު ކޮށްދިނުމަށް އުޅޭ ކަމުގެ ރިޕޯޓުތަކަކީ ނުހަނު ބިރުވެރި ކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މީސްމިޑިއާގައި ކުރެއްވި މެސެޖެއްގައި ފައްޔާޒު ވިދާޅުވީ މިހާރުގެ ސަރުކާރުގެ ދެ އަހަރު ދުވަހުގެ ތެރޭގައި ވަރަށް ސާފުކޮށް އެނގިގެންދިޔަ އެއް ކަމަކީ، ރައީސް މުޢިއްޒުގެ ކިބައިގައި ގައުމެއް ހިންގާނެ އެއްވެސް ފަންވަރެއް ނެތްކަން ކަމަށެވެ.

"އަޅުގަނޑުމެންގެ އިގްތިސާދު މިވަނީ ފުނޑުފުނޑުވެފަ, އަދި ހޯދާފައިވާ މިނިވަންކަން ދަނީ ފަހަރަކު ފަށަކުން ލުހެލަމުންނެވެ. ގައުމަށްޓަކައި އެއްވެސް ތަސައްވުރެއް ނުވަތަ ރޭވުމެއް ނެތްއިރު، ރައީސްގެ މިހާތަނަށް ފެންނަން އޮތް ހަމައެކަނި އަމާޒަކީ ދައުލަތުގެ މައްޗަށް ފުރިހަމަ ބާރު ހޯއްދަވައި، އާންމު ދިރިއުޅުމުގެ ކަންކަމުގެ ތެރެއަށް އަމިއްލަ ނުފޫޒު ފޯރުވުން." ފައްޔާޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ގެންދަވަނީ ސިލްސިލާކޮށް އަންހެނުންނާއި މުޖުތަމައުގެ ނިކަމެތި ފަރާތްތަކަށް އަމާޒުކޮށް ފިޔަވަޅުތައް އަޅަމުން ކަމަށާއި އަދި އިއްޔެ ސީ.އެސް.ސީން ނެރުނު ޤަވާއިދުންވެސް ކަށަވަރުވެގެންދިޔައީ އަންހެނުން ކުރާނެ ކަންކަމާއި އަންނައުނު ބަހައްޓާނެ ގޮތް ކޮންޓްރޯލް ކުރުމުގެ ނިޔަތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ހަމައެއާއެކު ފައްޔާޒް ވިދާޅުވީ، ބޭރު މީހުންނަށް ބިން މިލްކުކޮށްދިނުމަށް ރައީސް މުޢިއްޒު ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓުތަކަކީ ނުހަނު ބިރުވެރި ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ ބޮޑެތި ބާރުތަކާއި މެދުއިރުމަތީގެ ގައުމުތަކުގެ މެދުގައި އޮތް ޖިއޯޕޮލިޓިކަލް ވާދަވެރިކަމުގެ ތެރޭގައި، މިއީ އަނބުރާ އިއާދަ ނުކުރެވޭނެ ފަދަ ނުރައްކާތެރި ގޮތަކަށް ގައުމުގެ ސިޔާދަތު ގެއްލިގެންދާނެ ކަމެއްކަމަށް ފައްޔާޒު ލަފާކުރަށްވާފައިވެއެވެ.

"ތާރީޚުން ދޭ ފިލާވަޅުތަކަކީ ސާފު ފިލާވަޅުތަކެކެވެ. އުސްމާނީ ހިލާފަތުގެ ދުވަސްވަރު ފަލަސްތީނުގެ ބިންތައް ޒަޔަނިސްޓުންނަށް ވިއްކުމުން ދިމާވި ހިތްދަތި ހާލަތަކީ އަޅުގަނޑުމެން މަޑުޖެހިލައި ވިސްނާލަންޖެހޭ ކަމެކެވެ. އެހެންކަމުން، މިނިވަންކަމާއި، އިންސާފާއި، ކުރިއެރުމާއި، އަދި އިޖުތިމާއީ ރޫހަށް ލޯބިކުރާ އެންމެހައި ފަރާތްތަކުގެ 2026 ވަނަ އަހަރުގެ އަޒުމަކަށް ވާންވީ، އަނިޔާވެރިއަކަށް ގައުމު ފަސޭހައިން ފުނޑާނުލެވޭނެ ފަދަ ގޮތަކަށް ގައުމުގެ ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމު އިސްލާހުކޮށް ވަރުގަދަކުރުން." ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އުންމީދު ކުރަނީ 2026 ވަނަ އަހަރަކީ ރަނގަޅު ބަދަލުތަކާއި އުންމީދުގެ އަހަރަކަށް ވުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު