އައިޖީއެމްއެޗް
އައިޖީއެމްއެޗް
8 މަހުގެ ޔޫނުސްގެ މަރުގެ މައްސަލާގައި އައިޖީއެމްއެޗުން އެންމެފަހުން މަޢާފަށް އެދިއްޖެއެވެ.

މި މައްސަލާގައި އައިޖީއެޗުން މާފަށް އެދިފައިވާއިރު، އެހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް، މިދިޔަ ޖުލައި މަހު 28ގައި، 8 މަހުގެ ޔޫނުސް ހުސެއިން އަބްދުالله ނިޔާވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ބުނެ ޢާއިލާ އިން ވަނީ އައިޖީއެމްއެޗަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ. ނަމަވެސް މީގެ ކުރިން އައިޖީއެމްއެޗުން ބުނެފައިވަނީ، ޔޫނުސްގެ ހާލަތު ބަލައި އެވަގުތަށް ދެވޭނެ ފަރުވާ ދީފައިވާ ކަމަށެވެ.

މި މައްސަލާގައި އައިޖީއެމްއެޗުން މާފަށް އެދި ކުއްޖާގެ ޢާއިލާއަށް އިއްޔެ ފޮނުވާފައިވާ 3 ޞަފްޙާގެ ސިޓީގައި ބުނެފައިވަނީ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، ޔޫނުސް މަރުވެފައިވާތީ، އެކަމަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ. އަދި ބަލި މީހެއްގެ ބަލީގެ ހާލަތާމެދު ހަދާ ޓެސްޓުތަކުގެ ނަތީޖާއާއި ފަރުވާ ކުރިއަށްދާ ގޮތަކީ، އެކަށީގެންވާ އަވަސްމިނުގައި ބަލި މީހާ ނުވަތަ އާއިލާއާ ހިއްސާކުރެވެން ވާނެ މަޢުލޫމާތު ކަމަށް ޤަބޫލު ކުރާ ކަމަށެވެ.

"ޔޫނުސް ހުސައިން އަބްދުﷲ މި ހޮސްޕިޓަލުގައި ނިޔާވުމާ ގުޅިގެން މި ހޮސްޕިޓަލުގެ ފަރާތުން އަދިވެސް އެއްފަހަރު ނިހާޔަތަށް މައާފަށް އެދެން،" ސިޓީގައި ވެއެވެ.

ހަމައެއާއެކު އައިގީއެމްއެޗުން ބުނެފައިވަނީ، ސަރުކާރު ބަންދު ދުވަސްތަކެއް ނަމަވެސް، އެޑުމިޓުކޮށްފައިވާ ބަލި މީހެއްގެ ސްކޭނު ލަސްވެގެން ނުވާނެ ކަމަށް ގަބޫލުކުރާ ކަމަށާއި، އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތައް އަޅާނެކަމަށެވެ. އަދި ބަލީގެ ސީރިއަސްކަން އަވަހަށް ދެނެގަތުމަށް ޑޮކްޓަރުންނަށް އުނދަގޫވީ، އާންމު ވައިރަލް ހުމެއްގައި ހުންނާނެ ފަދަ އަލާމާތްތައް ޔޫނުސްގެ ހުރުމުން ކަމަށްވެސް ސިޓީގައިވެއެވެ.

އޭގެއިތުރުން އައިޖީއެމްއެޗުން ބުނީ، ރާއްޖޭން ބޭރަށް ބަލި މީހަކު ރިފާ ކުރުމަށް ފަހުގައި، ފުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ، އާސަންދަ ނުވަތަ އެންސްޕާއިން އެއާލައިންތަކާ ގުޅިގެން ކުރާ ކަމެއް ނަމަވެސް އެ ފަދަ ކަންކަމުގައި އާއިލާތައް އުފުލާ ތަކުލީފުތައް ކުޑަކުރުމަށް ސަރުކާރާއެކު މަޝްވަރާ ކުރާނެ ކަމަށެވެ.

މި މައްސަލާގައި ޔޫނުސްގެ ޢާއިލާއިން މީގެ ކުރިން ބުނެފައިވަނީ، ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ރޯގާ ޖެހިގެން ފަރުވާ ހޯދުމަށް ކަމަށާއި، ނަމަވެސް ހޮސްޕިޓަލުން ދީފައިވާ ފަރުވާގެ ސަބަބުން "ލިވާ އެންޒައިމް މަތިވެގެން" ކުއްޖާގެ ހަށިގަނޑު ދުޅަވެފައިވާ ކަމަށެވެ.

އަދި ކުއްޖާ ހޮސްޕިޓަލަށް ވެއްދިތާ ފަސް ދުވަސް ވަންދެން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު ނުބަލާ ކަމަށާއި، ލިވަރު ފެއިލްވުމުން ބޭރަށް ރިފަރ ކުރުމަށް އެދުނުއިރު އާސަންދަ ހަމަޖެހުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ވެސް އއާއިލާއިން ބުނެފައިވެއެވެ. އަދި ކުއްޖާ ނިޔާވިފަހުން ކުއްޖާ އަށް ސީޕީއާރު ދިނުމުން ކުއްޖާގެ ކަންފަތާއި ނޭފަތުން ލޭ އައިސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

"އެ ކުއްޖާ އެނދުމަތިކުރިތާ 6 ވަނަ ދުވަހު، އެ ތުއްތު ތުއްތު ފުރާނަ މި ފަނާވެނިވި ދުނިޔެއާ އަލްވަދާއު ކިޔުމެވެ. އެ ވަރުން އަދި ފުދުނީކީއެއް ނޫނެވެ. އެ ތުއްތު ކުއްޖާގެ މައިންބަފައިންގެ ނުރުހުމުގައި، ފުރާނަ ނެތް އެ ތުއްތު ކުއްޖާއަށް ސީޕީއާރް ވެސް ދިނީއެވެ. ކަންފަތާއި އަނގައާއި ނޭފަތުން ލޭއައުމުން ވެސް މެއެވެ." އާއިލާގެ ފަރާތުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު