އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ
އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ
ކޮވިޑް ނެތް ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު އިތުރުކުރަން ނިންމައިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ މިރޭ ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީކޮވިޑް ނެތް ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު އިތުރުކުރަން ނިންމައިފައިވާ ކަމަށާއި، އަންނަ ހަފުތާއިން ފަށައިގެން އެ ބަދަލަށް އަމަލުކުރަން ނިންމާފައިވާ ކަމަށެވެ.

ސުކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ ޖުލައި އެއްވަނަ ދުވަހު އަލުން ހުޅުވުމަށްފަހު ކިޔަވައިދޭން ފެށީ ސެޝަނެއްގައި ހަތަރު ގަޑިއިރެވެ. އެހެން ނަމަވެސް އަންނަ ހަފުތާއިން ފެށިގެން ފަސް ގަޑިއިރާ ހަމައަށް ކިޔަވައިދިނުމުގެ ފުރުސަތު ރަށްރަށުގެ ސްކޫލުތަކަށް އޮންނާނެ ކަމަށް މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވި އެވެ. ކޮވިޑް19އާ ގުޅިގެން ދިގު މުއްދަތަކަށް ސްކޫލަށް ނުދެވި ތިބުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އޮންލައިންކޮށް ކިޔެވުމާ އަޅާބަލާއިރު ކްލާހަށް ގޮސްގެން ކިޔެވުމަކީ ދަރިވަރުންނަށް ގިނަ ފައިދާތަކެއް ވާނެ ކަމެއް ކަމަށް މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވި އެވެ.

ސްކޫލުތަކުގައި މިހާރު އަޅާފައި ހުރި ފިޔަވަޅުތަކަށް ބަލާއިރު އެތަންތަނުން ބައްޔެއް ނުފެތުރޭނެ ކަމަށާއި މިހާތަނަށް ވެސް ސްކޫލާ ގުޅުންހުރި ކްލަސްޓާއެއް ފެނިފައިނުވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ރަށްރަށުގައި ސްކޫލުގައި ކިޔަވައިދޭ ވަގުތު އިތުރުކުރިއަސް، މާލެ ސަރަހައްދާއި އެހެން ރަށްރަށުގައި ކޮންޓެންޓް ކަވަކުރުމުގައި ތަފާތެއް ނުހުންނާނެ ކަމަށް މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވި އެވެ. އެގޮތުން ލާނިން އެރޭންޖްމަންޓްސް ހަދާފައި ހުރީ، ކޮންމެ ހަފުތާއަކު ވެސް ކޮންމެ މާއްދާއަކުން ވަކި ވަގުތަކަށް ގަޑި ނަގައިދޭ ގޮތަށް ކަމަށާއި، އެ ވަގުތު ހަމަކުރަނީ ސީދާ ކްލާސްރޫމުގައި ކިޔަވައިދީގެންނާއި އޮންލައިން ކްލާސްތައް ނަގައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސްކޫލަށް މަދުން ހާޒިރުވާ ކަމުގައިވާނަމަ، ބާކީ ހުރި ވަގުތުތައް އޮންލައިންކޮށް ފުރިހަމަކުރަމުން އަންނާތީ، ފިޅާވަޅު ނަގައިދިނުމުގައި ތަފާތެއް ނުހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހު މާލޭގައި ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުން ސްކޫލްތަކަށް ގޮސް ކިޔަވައިދޭން ފެށި ނަމަވެސް، ކޮވިޑްގެ ހާލަތު ގޯސްވުމުން އަނެއްކާވެސް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ހަމަޖެއްސިއެވެ. ނިއު ނޯމަލްގައި ފުރަތަމަ ކިޔަވައިދޭން ފެށީ މާއްދާއެއް 45 މިނިޓަށެވެ. ނަމަވެސް އެ އަދަދު 35 މިނިޓަށް ފަހުން މަދުކުރިއެވެ. އެ ބަދަލާއެކު، ކޮންމެ ހަފުތާއަކު ނަގަންޖެހޭ މާއްދާތަކުގެ އަދަދުތަކަށް ވެސް ބަދަލު ގެނެސްފައިވެއެވެ.

ގާތްގަނޑަކަށް ދެ މަހަށްފަހު، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގެ ސްކޫލުތައް ހުޅުވަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެކަމަކު ފުރަތަމަ ކިޔަވައިދޭނީ ގްރޭޑު 9 އިން މަތީގެ ގްރޭޑުތަކަށެވެ. އެހެން ދަރިވަރުންނަށް ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން