އެމްޑީޕީގެ ކުރީގެ ޗެރައ ފައްޔާޒު
އެމްޑީޕީގެ ކުރީގެ ޗެރައ ފައްޔާޒު
ސިޔާސީ ބޭނުންތަކަށްޓަކައި އެތައް ހާސް ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ އުއްމީދުތަކުގައި ބޭއިންސާފުވުމަކީ ހިތާމަހުރި، މުޑުދާރު އަމަލެއްގެ ގޮތުގައި ސިފަކުރައްވައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ބ. ތުޅާދޫގައި ބިނާކޮށްފައިވާ 100 ހައުސިންގ ޔުނިޓުގެ ޙައްޤުވެރިންގެ ދާއިމީ ލިސްޓު ގެޒެޓްކޮށްފައި ވަނިކޮށް، ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކާއެކު އެ މަސައްކަތް ހުއްޓިފައިވާ މައްސަލަގާއި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ކޮންމެ ކަމެއްގައި ސިޔާސީ މަންފާ އިސްކޮށް، ރައްޔިތުން އެހާ ބޮޑަށް ނިކަމެތިކޮށް ދެރަވަރު ނުކުރުމަށް ރައީސް މުއިއްޒުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތަކާއި ދިރިއުޅުމުގެ އަސާސްތަކާ ގުޅޭ ކަންކަމުގައި އިންސާފުވެރިވުމަކީ ވެރިކަމުގެ ޒިންމާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ބ. ތުޅާދޫގައި ބިނާކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު، އުސޫލަށް ގެނައި ބަދަލުތަކާއެކު އަންނަ ޖެނުއަރީ 11 ގައި ހުޅުވާލުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ ނިންމާފައެވެ. މިނިސްޓްރީން ހާމަކުރި ގޮތުގައި، 2022 ވަނަ އަހަރު މި ޔުނިޓްތަކަށް ހުޅުވާލުމުން އާންމުންގެ ޝަކުވާ ބޮޑުވެ، ކޯޓުން އެ މަސައްކަތް މުރާޖައާކުރަން އެންގި ނަމަވެސް، ކައުންސިލްގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން މިހާރު ވަނީ އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް އައު ނިންމުންތަކެއް ނިންމާފައެވެ.

މި ނިންމުމާ ގުޅިގެން ތުޅާދޫ ކައުންސިލުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލިމަނިކު ތުހުމަތުކުރެއްވި ގޮތުގައި، މިނިސްޓްރީން މަސައްކަތް ކުރަނީ ކައުންސިލްގެ ދައުރެއް ނެތް ގޮތަށް، ހުދުމުހުތާރުކޮށް މި ޔުނިޓްތައް ބަހާލުމަށެވެ. އަދި އައު އުސޫލުގެ ސަބަބުން ގިނަ ބައެއްގެ ހައްގުތައް ގެއްލި، މި މައްސަލަ އަލުން ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުކަމަށްވެސް ކައުންސިލުން ފާހަގަކުރެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ގާތްގަނޑަކަށް 87 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ ތުޅާދޫގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ފެށި މަސައްކަތެކެވެ. ޕްރިސިޝަން އިންޖިނިއަރިންގ އާ ހަވާލުކޮށްގެން ނިންމާފައިވާ މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ނިމިފައިވީ ނަމަވެސް، މި ސަރުކާރުން އަދިވެސް އެތަނުގެ ރަސްމީ ލިޔެކިޔުންތައް ކައުންސިލާ ހަވާލުނުކުރާކަން ފާހަގަކުރެވެއެވެ. ކޮންމެ ޔުނިޓެއްގައި 1600 އަކަފޫޓު ހިމެނޭ މި މަޝްރޫއަކީ ތުޅާދޫގެ 3000 އަށްވުރެ ބޮޑު އާބާދީއަށް އަމާޒުކޮށްގެން ހިންގާފައިވާ މުހިންމު މަޝްރޫއެކެވެ.



ކިޔުންތެރިންގެ ހިޔާލު