ސިޔާސީ ޕާޓީތަކަކީވެސް ރައްޔިތުންގެ ފައިސާއިން ހިންގާ މުއައްސަސާތަކަކަށް ވާއިރު ސިޔާސީ ޕާޓީތަކަށްވެސް ޤާނޫނުގެ އިންތަކެއް އޮންނަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކް، ރީކޯ މޫސަ ވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަވަމުންދާ ވާހަތަކަށް ރައްދު ދެއްވައި މޫސަ ވިދާޅުވީ ރައްޔިތުންގެ ޚަޒާނާއިން ޚަރަދު ކޮށްގެން ހިންގާ ސިޔާސީ ހަރަކާތްތަކަކީ ވަކި އިންތަކެއް ކަނޑައެޅި ޤާނޫނީ އިމުގެ ތެރެއިން ހިންގަންޖެހޭ ހަރަކާތްތަކަށް ވާންޖެހޭކަމަށެވެ. ޤާނޫނާއި ޚިލާފަށް ކަންކަން ކުރުމުން ޤާނޫނީ ގޮތުން ދޭންޖެހޭ އަދަބުވެސް ކަނޑައަޅަންޖެހޭކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ އެހެން މުއައްސަސާތަކެކޭވެސް އެއްގޮތަށް ސިޔާސީ ޕާޓީތަކަކީވެސް ދައުލަތުގެ މުއައްސަސާއަކަށްވާއިރު ހުރިހާ މުއައްސަސާތަކާއިމެދުވެސް ޤާނޫނުގެ ތެރެއިން ހަމަހަމަ އުސޫލަކުން ފިޔަވަޅު އެޅެންޖެހޭކަމަށް މޫސަ ވިދާޅުވިއެވެ.

"ރައްޔަތުންގެފައިސާގައި ޕާޓީތަށް ހިންގާނަމަ ޕާޓީތަކުންކުރާކަންކަމަށް ފިޔަވަޅު އަޅަންޖެހޭ، ޕާޓީތަކަށް ވެސް ޤާނޫނުގެ އިންތަކެއްއޮންނަންޖެހޭ. ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް އޮންނައުސޫލު ސިޔާސީ ޕާޓީތަކަށްވެސް އޮންނާންޖެހޭނީ." މޫސަ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި ސިޔާސީ ބޭފުޅުން ތަކަކަށް ފިޔަވަޅު އެޅުމުގެ ނިޔަތުގައި ނޫންކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްވެސް ވަނީ ވިދާޅުވެފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އީސީން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ޕާޓީތައް ސަސްޕެންޑު ކުރެވޭ ގޮތް ހެދުން ހިމެނެއެވެ. މިހާރު ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީތައް ސަސްޕެންޑެއް ނުކުރެވެ އެވެ. ގާނޫނަށް އަމަލު ނުކުރުމުން އެޅޭ ފިޔަވަޅެއްގެ ގޮތުގައި އޮންނަނީ، ޖޫރިމަނާ ކުރުމާއި ޕާޓީ އުވާލުމެވެ.

ހަމައެއާއެކު ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕްގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުުރުމަށްވެސް އީސީގެ އިސްލާހުގެ ޑްރާފްޓްގައި ހިމަނާފައިވެއެވެ. އޭގެ އިތުރުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި ޕާޓީތަކަށް އިންތިހާބުތަކުގައި ލިބޭ ވޯޓުގެ އަދަދަށް ބަލައި، ޕާޓީތަކަށް ފައިސާ ދިނުމަށްވެސް ޑްރާފްޓްގައި ހިމަނާފައިވެއެވެ.

އޭގެ އިތުރުން ޕާޓީތަކުން އެ ފައިސާ ހަރަދުކުރާ ގޮތް ބެލުމުގެ ގާނޫނީ ބާރުވެރިކަން ދިނުމަށްވެސް ޑްރާފްޓްގައި ހިމަނާފައިވެއެވެ. މީގެ އިތުރުންވެސް ބޮޑެތި ގިނަ އިސްލާހުތަކެއް ޤާނޫނަށް ހުށަހަޅާފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން