ރޭ ބްރައިޓަން އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗްގެ ތެރެއިން
ރޭ ބްރައިޓަން އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗްގެ ތެރެއިން
އިނގިރޭސި ލީގު ކަޕުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް، މެންޗެސްޓާ ސިޓީ އަދި އެވަޓަން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ރޭ ކުޅުނު މެޗުން ބްރައިޓަން އަތުން 3-0 އިން ޔުނައިޓެޑް ކާމިޔާބު ހޯދާފައިވާއިރު، ސިޓީ މޮޅުވީ ރަށުން ބޭރުގައި ހަމަ އެ ނަތީޖާ އިން ބާންލީ އަތުންނެވެ. އެވަޓަން މޮޅުވީ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 4-1 އިންނެވެ.

ބްރައިޓަން ދަނޑުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑްގެ ގޯލްތައް ޖަހައިދިނީ ސްކޮޓް މެކްޓޮމިނީގެ އިތުރުން ހުއާން މަޓާ އަދި ޕައުލް ޕޮގްބާއެވެ. ރޭގެ މެޗުގައި މަޓާ ޖެހި ގޯލަކީ މި ސީޒަނަށް ޔުނައިޓާ ގުޅުނު ޑޮނީ ވެންޑަބީކްގެ "ބެކްހީލް" އެސިސްޓެކެވެ.

ބާންލީއާ ދެކޮޅަށް ސިޓީގެ ފުރަތަމަ ދެ ގޯލް ފުރަތަމަ ހާފުގެ ފަހުކޮޅު އަދި ދެ ވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ އިނގިރޭސި ވިންގާ ރަހީމް ސްޓާލިން އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު 65 ވަނަ މިނެޓުގައި ޖެހީ މި ސީޒަނުގައި ގެނައި ސްޕެނިޝް ވިންގާ ފެރަން ޓޮރޭސް އެވެ.

ވެސްޓްހޭމް އަތުން އެވަޓަން މޮޅުވި މެޗުގައި އިންގްލެންޑުގެ ޑޮމިނިކް ކަލްވެޓް-ލެވިން ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ގޯލް ޖެހީ ބްރެޒިލްގެ ރިޗާލިސަން އެވެ. ވެސްޓް ހޭމްގެ ހަމައެކަނި ގޯލް ކާމިޔާބުކުރީ ރޮބަޓް ސްނޮގްރާސް އެވެ. މި ސީޒަން ފެށުނުފަހުން އިންގްލެންޑުގެ ޑޮމިނިކް ކަލްވެޓް-ލެވިން އަންނަނީ ތަފާތު ދައްކައި ގިނަ ގޯލްތަކެއް ކާމިޔާބުކުރަމުންނެވެ.

ލީގު ކަޕުގެ ހަތަރު ވަނަ ބުރުގައި މިރޭ އޮންނާނީ ލިވަޕޫލާއި ޗެލްސީގެ މެޗާއި އެސްޓަން ވިލާ އާއި ސްޓޯކް ސިޓީގެ ކުރިމަތިލުމާއި ބްރެންޓްފޯޑާއި ފުލަމްގެ މެޗެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން