ދުނިޔޭގެ ގުދުރަތީ ނިޒާމަށް ލޮޅުން އަރާފަދަ ކަންކަމާއި މެދު ސަމާލު ނުވެވިއްޖެ ނަމަ، މިހާރު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމަށްވުރެ ބޮޑު ނުރައްކަލަކަށް ދުނިޔެ ހުށަހެޅިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އދ.ގެ ބަޔޯޑައިވަރސިޓީ ސަމިޓުގައި ތަޤުރީރު ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. އެސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް ވިދާޅުވީ، ގުދުރަތީ ވަސީލަތްތަކަށް ގެއްލުންވުމުގެ ނަތީޖާއެއްގެ ގޮތުން މިވަގުތުވެސް ދުނިޔެއަށް ނުރައްކާތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.

އެހެންކަމުން މިފަދަ ނުރައްކާތަކުން އަރައިގަތުމަށްޓަކައި މަސައްކަތް ކުރަންވާނީ ޤައުމުތައް ގުޅިގެން ކަމަށް ރައީސް އިބްރާހީމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އިޖުތިމާޢީ ގޮތުންނާއި އިގްތިސާދީ ގޮތުން ކުރިއެރުންތައް ހޯދާއިރު، ގުދުރަތީ ނިޒާމަށް ލޮޅުންއަރާފަދަ ކަންކަމަށް ސަމާލު ނުވެވިއްޖެނަމަ ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމަށްވުރެ ބޮޑު މުސީބާތަކާއި ކުރިމަތިވުމުގެ ބިރު އޮތްކަމަށެވެ. އަދި އެފަދަ މައްސަލަތަކުގެ ސަބަބުން ރާއްޖެފަދަ ކުދިޤައުމުތަކަށް ވަރަށް ބޮޑަށް އަސަރުކުރާކަން ފާހަގަކުރައްވައި ރައީސް ވަނީ އެކަމުގެ ކަންބޮޑުވުން އޮތް ކަން ހާމަކުރައްވާފައެވެ.

ތިމާވެއްޓަށް ގެއްލުން ލިބޭ ކަންކަން ހުއްޓުވުމަށްޓަކައި ޤައުމުތައް ގުޅިގެން ޕްލޭނެއް އެކުލަވާލުމަކީ މިވަގުތު ކޮންމެހެންވެސް ބޭނުންތެރި ކަމެއްކަން ރައީސްގެ ތަގުރީރުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ޤައުމުތައް ކުރިއަރައިދާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެއްޓަށް ލިބޭ ގެއްލުންތައް މަދުކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ އެކްޝަން ޕްލޭނެއް އޮތުންވެސް މުހިންމު ކަމަށް ރައީސް އިބްރާހީމް ވިދާޅުވިއެވެ. ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ އެންމެންވެސް އަދާކުރަންޖެހޭ ފަރުދީ ޒިންމާއެއް ކަމަށާއި، އެހެންކަމުން އެ ޒިންމާ އަދާކުރުމަށް އެމަނިކުފާނުގެ ތަގުރީރުގައި ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން