އެމްއެމްޕީއާރުސީގެ ވައްކަމުގައި ޝާމިލުވާ މީހުންގެ ނަންތައް ހާމާކޮށް، ޝަރީއަތް ނުކުރެވޭނަމަ ވައްކަމުގެ ބަދުނާމު ސަރުކާރުގައި އެޅޭނެ ކަމުގައި ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިންގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ވަރަށް ގިނަ ބަޔަކު ޝާމިލުވެ އެއިން މަންފާތަކެއް ހޯދާފައިވާ ކަމެއްކަމަށް މިމައްސަލާގައި ޝާމިލުވާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ވިދާޅުވުމާއި ގުޅިގެން ހަސަން ލަތީފް ވިދާޅުވީ މި ތުހުމަތު ކުރެވި މިކަންކަން ނުބެލި ލަސްވާނަމަ ސަރުކާރުގެ ބޮލުގައި ވައްކަން އެޅޭނެކަމަށެވެ.

މިކަމުގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރިމައަށްޗަށް ގެނެސް ޝަރީއަތް ކުރުމަކީ ސަރުކާރަށާއި، ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުންނަށް ކުރެވޭ ތުހުމަތުތަކުން ބަރީއަވެ ވައްކަމުގެ ބަދުނާމުން ސަލާމާތްވާން އޮތް ހަމައެކަނި ގޮތްކަމަށް ހަސަން ވިދާޅުވިއެވެ. އިންސާފަކީ ވަކި މީހަކަށްވީތީ ދޫކޮށްލައި، ވަކި މީހަކަށްވީތީ ގާއިމްކުރަން އޮންނަ އެއްޗެއް ނޫންކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީގެ ފައިސާއިން ބައިކުޅަބައި ލިބިފައިތިބި މިނިސްޓަރުންނާއި، މަޖިލިސް މެމްބަރުންނާއި، އެނޫންވެސް މީހުންގެ ނަންތައް ހާމަކޮށް ޝަރީއަތްކޮށް އިންސާފު ގާއިމް ވާންޖެހޭ. އެކަން ނުކުރާހާ ހިނދަކު ވައްކަން ފޮރުވަން އުޅޭކަމުގެ އިލްޒާމު އެޅޭނެ. އެބަދުނާމު އެޅޭކަށް ގައިމުވެސް އެމްޑީޕީ ބޭނުމެއްނޫން." ހަސަން ލަތީފް ވިދާޅުވި އެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި އަދީބު ވިދާޅުވީ، އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުނެވި 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު ޓޫރިޒަމް ސިނާއަތް ކޮޅަށްޖެހީ ރަށްތައް ތަރައްޤީކުރާނެ އިންވެސްޓަރުން ހޯދައިގެންކަމަށާއި، ހުރިހާ ރަށްތަކެއްވެސް ދިނީ ބިޑުކޮށްގެންކަމަށެވެ. ނަމަވެސް 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ޓޫރިޒަމަށް ރަށްތަށް ދޫކުރީ އެމްއެމްޕީއާރުސީގެ މަޤްޞަދު ބަދަލުކޮށްގެންކަމަށާއި، އެގޮތުން އެއިރުގެ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކަށްވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ދިނުންކަމަށެވެ. އެގޮތުން އެ ދެ އަހަރު ޓޫރިޒަމަށް ހުރިހާ ރަށްތަކެއް ދޫކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވައިގެންކަމަށް އޭނާ ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހުރިހާ މުއާމަލާތެއް ހިނގައިދިޔައީ އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގެން އެމަނިކުފާނުގެ އިރުޝާދުގެ ދަށުންކަމަށެވެ. އަދީބު ވިދާޅުވީ އެންމެ ފުރަތަމަ އެމްޕީއެލްއިން ފައިސާ ނަގާ ބޭނުންކުރަން ފެށިކަމަށެވެ. އަދި އެކަން އެގޮތަށް ފެށީ އޭރުގެ މަޖިލިސް އިންތިޚާބަށް ފައިސާ ހޯދުމުގެ ގޮތުންކަމަށެވެ.

އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ސްކޭމަކީ އޭރުގެ ރައީސް އަބްދުﷲ ޔާމީނާއި މުޅި ސަރުކާރު ގުޅިގެން ހިންގި ބޮޑު ސްކޭމެއްކަމަށެވެ. އަދި މިކަން ފެށިީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކަށް ބޭރުގެ އެކި ފަރާތްތަކުން 200 މިލިއަނެއްހާ ޑޮލަރު ލިބޭނެކަމަށާއި އެ ފައިސާ ލިބުމުން އަނބުރާ ފައިސާލާ ގޮތަށް ސަރުކާރުގެ ތަންތަނުން ލާރި ނެގުމަށް ރައީސް ޔާމީން ވިދާޅުވެގެން ކަމަށް އަދީބު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަކީ ވަރަށް ގިނަ ބަޔަކު ޝާމިލުވެ އެއިން މަންފާތަކެއް ހޯދާފައިވާ ކަމެއްކަމަށެވެ. އެގޮތުން ހުރިހާ ސިޔާސީ ޕާޓީއަކާއި އަދި އޭރުގެ މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުގައި ނެގި އެތައް ވޯޓްތަކަކާއި އެތައް މެންބަރުންނެއް އެފައިސާ ބޭނުންކޮށްފައިވާކަމަށްވެސް އަދީބު ތުހުމަތުކުރެއްވިއެވެ.

އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު އެތައް ބަޔަކު ވިޔަފާރިތައް ފަށާ މިހާރުވެސް މަންފާ ހޯދަމުން އަންނަކަމަށެވެ. އަދީބު ވިދާޅުވީ އޭނާ ޝަރީޢަތަށް ކިޔައިދޭ ވާހަކަތަކުންނާއި، ދޭ އެއްބާރުލުމުން އެމީހުން ހޯދައި އިންސާފު ޤާއިމްކުރެވި އެފައިސާތައް ދައުލަތަށް ހޯދިދާނެކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ އެކައުންޓަށްވެސް ފައިސާ ވަދެފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލައިގެ ތަފްސީލުތައް ހާމަކުރަމުން އަދީބު ވިދާޅުވީ އެއްވެސް ވިޔަފާރީގެ މުއާމަލާތުތަކެއް ނުކުރާ އެސްއޯއެފްގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރަން ފެށީވެސް ސީދާ ރައީސް ޔާމީންގެ އިރުޝާދާއި އެކުގައި ކަމަށެވެ. އަދި އޭރުވެސް ސަރުކާރުގެ ހުރިހާ އިދާރާއެއްގައި ކަންކަން ބެލެހެއްޓުމަށް ޤާނޫނުތަކާއި ޤަވާއިދުތައް ހުއްޓާ އެ ފައިސާ ކްލިއަރވެ އެކަންޓްތަކަށް ދިޔައީ ރައީސް ޔާމީންގެ އެންގެވުމަށްކަމަށާއި އެހެން ނޫންނަމަ ޤާނޫނީ ގޮތުން ހުރި ހުރަސްތައް ހުރެ އެމްއެމްޕީއާރުސީގެ މައްސަލަ ހިނގާނެ އެއްވެސް ގޮތެއް ނޯންނާނެކަމަށްވެސް އަދީބު ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން