ޑރ. ޢާއިޝަތު ރަމީލާ: އެކަމަނާ އެޗްއާރުސީއެމްގެ ރައީސް ކަމަށް އައްޔަންކުރަން މަޖިލީހުން ވަނީ ފާސްކޮށްފައި
ޑރ. ޢާއިޝަތު ރަމީލާ: އެކަމަނާ އެޗްއާރުސީއެމްގެ ރައީސް ކަމަށް އައްޔަންކުރަން މަޖިލީހުން ވަނީ ފާސްކޮށްފައި
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ރައީސްކަމަށް، މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރު ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެޗްއާރުސީއެމަށް ޑރ. ރަމީލާ އައްޔަންކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު އެވެ. އެ ކޮމިޝަންގެ ރައީސްކަމަށް ޑރ. ރަމީލާ އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހެވެ. މަޖިލީހުން ރަމީލާގެ ނަން އިއުލާނުކުރީ، ޗުއްޓީގައި އޮތުމަށް ފަހު އިއްޔެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައެވެ.

އިއްޔެ ބޭއްވި އެ ޖަލްސާގައި ރިޔާސަތުން ވަނީ ރަމީލާގެ ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުއްވައިފައެވެ. ހިއުމަން ރައިޓްސް ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ، ރަމީލާ އެޗްއާރުސީއެމަށް އައްޔަންކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅުކަން ފާހަގަކޮށް، އިންޓަވިއުކުރުމަކާ ނުލާ، އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަންކުރަން ފެންނަ ކަމަށް މެންބަރުނެގެ އިއްތިފާގުން ވަނީ، ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ކޮމިޝަންގެ ރައީސަކަށް ޑރ. އާއިޝަތު ރަމީލާ އައްޔަންކުރަން ފެންނަ ކަމަށް ފާސްކުރީ 38 މެމްބަރުންގެ ވޯޓުންނެވެ. ޖުމުލަ 39 މެމްބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާ ޑރ. ރަމީލާ އެ މަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެެވެ.

ދައުރުން ބޭރުން ބާއްވާ ޖަލްސާތަށް ބޮއިކަޓް ކުރަން ނިންމާފައިވާތީވެ މިއަދުގެ ޖަލްސާ އިދިކޮޅު އެމްޑީޕީގެ އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެޗްއާރުސީއެމްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރަން ޖެހުނީ އެޗްއާރުސީއެމްގެ ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ.

ޑރ. ރަމީލާ އަކީ މި ސަރުކާރުގައި އެގްރިކަލްޗަރ މިނިސްޓްރީއަށް އައްޔަން ކުރެއްވި ފުރަތަމަ މިނިސްޓަރެވެ. ނަމަވެސް، އޭނާ ވަޒީރުކަމުން އިސްތިއުފާ ދެއްވީ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

އެޗްއާރުސީއެމްގައި މިހާރު ތިއްބެވީ، ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާއު އަހުމަދު ނަޖީބާއި އިސްމާއިލް ހަބީބާއި، އަޙްމަދު މަޤުސޫމެވެ.



ކިޔުންތެރިންގެ ހިޔާލު