ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ދޮށީ އުމުރުގެ މީހުންގެ ހައްގުތައް ކަށަވަރުކޮށް، ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ވަސީލަތްތައް ފުޅާކުރުމަށް އެޗްއާރުސީއެމުން ސަރުކާރަށް ގޮވާލައިފިއެވެ.

މިއަދު ފާހަގަ ކުރާ ބައިނަލްއަޤްވާމީ ދޮށީއުމުރުގެ މީހުންގެ ދުވަހުގެ ތަހުނިޔާ ދޮށީ އުމުރުގެ އެންމެހާ ރައްޔިތުންނަށް އަރިސްކޮށް އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، އެމަރުކަޒުގެ ވަސީލަތްތައް ފުޅާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ސަރުކާރަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒުކުރުމަށް އެދިފައި ވެއެވެ. އަދި ދޮށީ އުމުރުގެ މީހުން ޤައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތަކާ އަދި ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި މެދު މުޖުތަމަޢު ހޭލުންތެރިކުރުމަށް މަދަނީ ޖަމުޢިއްޔާތަކާއި މީޑިއާތަކުން ކުރަމުންދާ މަސައްކަތްވެސް މިހާރަށް ވުރެ އިތުރުކުރުމަށް ކޮމިޝަނުން އިލްތިމާސްކޮށްފައި ވެއެވެ.

ކޯވިޑް19 ގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ އުމުރުން ދުވަސްވީ މީހުން ކަމަށްވީ ހިނދު، އެފަރާތްތަކުގެ ރައްކާތެރިކަމަށް ޚާއްސަ އަހައްމިޔަތުކަމެއް ދީ، ކަމާ ގުޅުންހުރި އިދާރާތަކުން ދެމުން ގެންދާ އިރުޝާދުތަކަށް ހުރިހާ ފަރާތްތަކުންވެސް އަމަލުކުރުމަށް އެޗްއާރުސީއެމްއިން ވަނީ ނަސޭހަތްތެރިވެފައެވެ. މީގެ އިތުރުން، މުޖުތަމަޢުގެ އެކިކަންކަމުގައި ދޮށީއުމުރުގެ މީހުންގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކުގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުކަންދީގެން ސިޔާސަތުތައް ބައްޓަންކުރުމުގެ މުހިންމުކަންވެސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

"މިފަދަ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ ބޭނުމަކީ، ދޮށީއުމުރުގެ މީހުންނަށް ރައްކާތެރި މުޖުތަމަޢެއް ބިނާކޮށް، ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ދޮށީ އުމުރުގެ މީހުން ކޮށްފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކުގެ ބައިވެރިވުން ތަފާތު ދާއިރާތަކުގައި އިތުރުކުރުމަށް ބާރުއެޅުން. މިއަހަރުގެ ދޮށީއުމުރުގެ މީހުންގެ ދުވަހުގެ ޝިޢާރަކީ: ޕެންޑަމިކްސް: އާލަމީ ވަބާ ގެ ސަބަބުން، އުމުރުން ދުވަސް ވުމާއި، ދޮށީ އުމުރުގެ މީހުންނާއި މެދު އަމަލު ކުރެވޭގޮތް ބަދަލުވޭތަ؟" އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.

މި ޝިޢާރުގެ މައިގަނޑު މަޤްސަދަކީ މިހާރު ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް19 ގެ ބަލި މަޑުކަމުގައި ދޮށީއުމުރުގެ މީހުންނަށް ކުރިމަތިވެފައިވާ ޞިއްޙީ ނުރައްކާތެރިކަމާއި، ތަޙައްމަލު ކުރަންޖެހިފައިވާ ތަފާތު ދަތިތަކަށް ހޭލުންތެރިކުރުވައި، ދޮށީ އުމުރުގެ މީހުންނަށް ރައްކާތެރި މާހައުލެއް ހޯދައި ދިނުމާއި އަދި ކުރިއަށް އޮތްތާގައި ވެސް ކުރިމަތިވެދާނެ މިފަދަ ޞިއްޙީ ކާރިސާތަކުގެ ސަބަބުން ދޮށީއުމުރުގެ މީހުންނަށް ދިމާވެދާނެ ގޮންޖެހުންތަކުން ރައްކާތެރިކުރުމަށްޓަކައި ތައްޔާރުވެ ތިބުމަށް ބާރުއެޅުމެވެ.

މުޅި ދުނިޔޭގައިވެސް ދޮށީ އުމުރުގެ މީހުންގެ އާބާދީ އެއް ދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާއިރު، މިހާރު ދިވެހިރާއްޖޭގެ އާބާދީގެ 5 އިންސައްތަ ހިއްސާކުރަނީ ދޮށީ އުމުރުގެ މީހުން ކަމުގައި ވީހިނދު، 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބަށް ބަލާއިރު، 2040 ވަނަ އަހަރު ދިވެހިރާއްޖޭގެ އާބާދީގެ 10 އިންސައްތަ ހިއްސާކުރާނީ ދޮށީއުމުރުގެ މީހުންކަމަށް އަންދާޒާކުރެވޭކަމަށް އެޗްއާރުސީއެމުން ބުނެއެވެ. ދިވެހިރާއްޖޭގައި ދޮށީއުމުރުގެ މީހުންނާ ގުޅޭ ގޮތުން ޤައުމީ ސިޔާސަތެއް އެކުލަވާލާ، އެކްޝަން ޕްލޭނެއް (2017-2021އަށް) ކަނޑައަޅާ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އިނާޔަތްތައް ފޯރުކޮށްދިނުމާއި، ސިއްޙީ އަދި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގޮތްތަކެއް ދައުލަތުން ވަނީ އެކަށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން