ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު އެއް ޚިޔަނާތް ކަމުގައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ސުވާލު އުފެދެނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ނިޔަތާއިމެދުގައި ކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޚިޔާނާތުގެ މައްސަލައިގައި ކުށަށް އިއުތިރާފު ވުމުގެ އެއްބަސްވުމެއްގައި އަހުމަދު އަދީބާއި ދައުލަތާ އެކު ސޮއިކުރެއްވި ކުރެއްވުމަށް އިޝާރާތް ކުރަވައި ޖަމީލް ވިދާޅުވީ މި ބޮޑު ޚިޔާނާތުގެ މޭސްތިރިޔާއާއިއެކު ދައުލަތުން މިފަދަ އެއްބަސްވުމެއް ހެދުމުގައި އޮތް ނިޔަތް ސާފުވާން ޖެހޭކަމަށެވެ. މިކަމުން އެކަނިވެސް ޕީޖީގެ އިހުލާސްތެރިކަމެއް މިމައްސަލާގައި ނެތްކަން ހާމަވާކަމަށް ޖަމީލް ވިދާޅުވިއެވެ.

ވައްކަމުގެ އެންމެ އަޑީގައި ހުންނެވި ފަރާތާއިމެދު ދައުލަތުން ބޮޑެތި އެއްބަސްވުންތައް ހަދައި ޑީލްތައް ހެދުމަކީ ޤަނޫނީ ގޮތުންވެސް ސުވާލު އުފެދޭ ކަމެއްކަމަށް ޖަމީލް ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީ ޚިޔާނާތަކީ ޤައުމުގައި ހިންގި އެންމެ ބޮޑު އެއް ޖަރީމާކަން ސާފު. ސުވާލު އުފެދެނީ ޕީޖީގެ ނިޔަތާމެދު. އެއީ މުއްތަހަމުގެ ކުރީގެ ވަކީލު. ކުށުގެ މާސްޓާމައިންޑާއެކު އެއްބަސްވުމުގެ ޑީލަކީ ކޮބާ؟ އިސްމުޖުރިމާއެކު ޑީލް ހެދުމުގަ ޤާނޫނީ ސުވާލުތަކެއް ނެތްތޯ؟ ގޯސް މައްޗަށް ގޯސް." ޑރ.ޖަމީލް ވިދާޅުވި އެވެ.

ޚިޔާނާތުގެ މައްސަލައިގައި ކުށަށް އިއުތިރާފު ވުމުގެ އެއްބަސްވުމެއްގައި ދައުލަތާ އެކު ސޮއިކުރެއްވީ ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ފޮނުވަން އެއްބަސްވުމުން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުވަނީ ވިދާޅުވެފައެވެ.

ދައުލަތުން ބުނީ ގާނޫނުގައި ބުނާ ފަދަ އިއުތިރާފުގެ އެއްބަސްވުމެއް އަދީބާ އެކު ހެދީ ބޭސްފަރުވާގެ ކަންކަން ނިމިގެން އެ މަނިކުފާނު ރާއްޖެ ވަޑައިގަތް ފަހުން ކަމަށެވެ. އެފަދަ އެއްބަސްވުމެއް އޮތަސް، ކުށަށް އިންކާރު ކުރުމުގެ ހައްގު އަދީބަށް އޮންނާނެކަން ދައުލަތުން ފާހަގަކުރި އެވެ.

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިންގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން އޭރުގެ ސަރުކާރުން ގުޅިގެން ހިންގި ޖަރީމާއެއްކަމަށް ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ވަނީ ވިދާޅުވެފައެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް އަދީބު ވަނީ އިއުތިރާފުވެޑައިގެންފައެވެ. އަދީބު ޝަރީއަތުގެ މަޖިލީހުގައި ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅޭ ތަފްސީލުތައް ދެއްވާފައެވެ.

އަދީބާއި އެކު ހަދާފައިވާ އިއުތިރާފު އެއްބެސްވުމުގެ ދަށުން ހިޔާނާތުގެ ކުށުގެ ދައުވާގެ ތެރެއިން ފުރަތަމަ ދައުވާގައި އަދީބުގެ މައްޗަށް އަންނާނީ 4 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ހިޔާނާތުގެ އަނެއް ދައުވާގައި އަންނާނީ 2 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން