ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަން ސާބިތުވެގެން ދިޔުމަކީ ޖިނާއީ އަދުލުގެ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ސިފަކުރައްވައިފިއެވެ.

ލިބުނު ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް 28 ޑިސެމްބަރު 2015ގައި ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމް ނިޔާވި މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހު ޖަލަށްލާން ހައި ކޯޓުން މިއަދު ވަނީ ޙުކުމްކޮށްފައެވެ. ހައި ކޯޓުން މައްސަލަ ބެލުމަށްފަހު ނިންމާފައި ވަނީ، ޝާހު އާ ދެކޮޅަށް ދައުލަތުން އުފުލި ދައުވާ ސާބިތުވާ ކަމަށެވެ. އަދި އެ ކުށުގައި ޝާހު ތިން އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ މިއީ ޖިނާއީ އަދުލުގެ ނިޒާމަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އެގޮތުން ޕީޖީ ވިދާޅުވީ، "މެރިޓަލް ރޭޕް" އަކީ ޖިނާއީ ޤާނޫނުގައި ވެސް ބަޔާން ކޮށްފައިވާ މަފުހޫމަކަށްވާއިރު، މި ޙުކުމާއެކު ޝަރުއީ ނިޒާމުގައިވެސް މެރިޓަލް ރޭޕްގެ މައްސަލަތައް "ރިކޮގްނިޝަން" ލިބިގެން ދާނެ ކަމަށެވެ. މި މައްސަލައިގައި ޝާހުގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތައް ވެސް ސާބިތު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.

މިމައްސަލައިގައި ދައުލަތުގެ ފަރާތުން ކޯޓަށް ވަޑައިގެން ވަކާލަތު ކުރެއްވީ ޕީޖީ ހުސައިން ޝަމީމެވެ. ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަޤާމާ އަލްއުސްތާޛު ހުސައިން ޝަމީމް ޙަވާލުވެވަޑައިގެންނެވި ފަހުން ހައިކޯޓުގައި ވަކާލާތު ކުރެއްވި ފުރަތަމަ ކޭސް ވަނީ ތާރީޚުގެ ތެރެއަށް ވަދެގެންގޮސްފައެވެ.

ޒިޔާދާގެ ކުރީގެ ފިރިމީހާ ގދ. ތިނަދޫ، ޖަވާހިރުމާގޭ ދެކުނު، އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން އުފުލީ ހަތަރު ދައުވާ އެކެވެ. އެއީ ފިރިމީހާ، އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.

ރޭޕްގެ މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ ގަދަކަމުން އަނބިމީހާއާ އެކު ޖިމާއުވުމަކީ އަނބިމީހާއަށް ދެވޭނެ އެންމެ ބޮޑު އެއް އަނިޔާ ކަމަށާއި ޖިމާއުވުމުގެ ހައްގު ފިރިމީހާއަށް އޮތަސް، އެއީ އެއްވެސް ހުދޫދެއްނެތި ލިބިދެވޭ ހައްގެއް ނޫން ކަމަށެވެ. ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ހުސައިން ޝަހީދުގެ އިއްތިފާގުން ކުރި މި ހުކުމުގައި ބުނެފައި ވަނީ، ފިރިމީހާ އަނބިމީހާ ރޭޕް ކުރުމަކީ ކުށެއްކަމަށް ޖިންސީ ކުށުގެ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ކަމަށެވެ. ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށް ކަމުގައި ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކޮށްފައި ވަނީ، ވަކި އިސްތިސްނާ ހާލަތު ތަކެއް އޮއްވާ، އަނބިމީހާގެ ރުހުމާ ނުލައި، އޭނާގެ ފިރިމީހާ އޭނާއާ ޖިމާއުވުން ކަމަށެވެ.

"މިތަނުގައި ބަލަންވީ ކުށަށް ކިޔާ ނަމަކަށް ނޫނެވެ. ކުރެވޭ އަމަލަށެވެ. ގަދަކަމުން އެއްވެސް މީހަކާމެދު ޖިމާއުވުން އެއީ އެކަން ރައްދުވާ ފަރާތުގެ މައްޗަށް ކުރެވޭ އަނިޔާއެކެވެ. އެއީ ތިމާގެ އަނބިމީހާ ކަމުގައި ވީނަމަވެސް އެވެ." ހައިކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.

ހައިކޯޓުގެ ހުކުމްގައި ފިރިމީހާ އަނބިމީހާ އާއި ޖިމާއުނުވެވޭނެ ހާލަތް ތަކެއް ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީތް ބަސްފުޅުތަކުން ވަނީ ބަޔާންކޮށްދީފައެވެ.

މީގެ ހަތަރު އަހަރު ކުރިން، 2015 ވަނަ އަހަރުގެ ޑިސެމްބަރ 28 ގައި ޒިޔާދާ ނިޔާވި މައްސަލައިގައި ފުލުހުން ބުނެފައި ވަނީ ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ޒިޔާދާގެ އޮޓޯޕްސީ ރިޕޯޓުން ވެސް އޭނާއަށް ޖިސްމާނީ އަނިޔާތައް ކޮށްފައިވާކަން ފާހަގަވެފައިވާކަން ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނާގޮތުގައި ޝާހު، ޒިޔާދާއަށް އަނިޔާ ކުރީ އެ ދެމީހުން ވަކިން ދިރިއުޅެމުން ދަނިކޮށެވެ.

ޒިޔާދާ މަރުވުމުގެ ކުރިން ވަނީ ދެ ފަހަރެއްގެ މަތިން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދައްކައިފަ އެވެ. އަދި މާލޭގައި ހުންނަ ޑރ. ޔަގާނެގީ ކްލިނިކަށް ވެސް ދައްކާފައިވާއިރު އޭނާ ނިޔާވީ އޭގެފަހުން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ޒިޔާދާ ނައީމް ނިޔާވި މައްސަލައިގައި ދައުލަތުން އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާ ވެސް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ


ކިޔުންތެރިންގެ ހިޔާލު


-5

ފަހާމާ

04-Oct-2020

ރޭޕް ކުރުމުގެ ހުކުމް މިއަށްވުރެ ބޮޑުވާންވާނެ. 😠



ޓްރެންޑިން