ދުނިޔެއަށް ނުރައްކާތެރި ބޮޑު ކާރިސާއެއް ކުރިމަތިވާ ހާލަތްތަކުގައި ކޮމާންޑް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަން ހާއްސަކޮށްފައިވާ އެމެރިކާގެ 'ޑޫމްސްޑޭ' މަތިންދާބޯޓު، ވޮޝިންޓަން ޑީސީއާ ދިމާލަށް ދަތުރުކުރަނިކޮށް ފެނިއްޖެއެވެ.

ބޮއިންގް އީ 4ބީ 'ނައިޓްވޮޗް' މަރުކާގެ މި ބޯޓަކީ ނިއުކްލިއާ ހަނގުރާމައެއް ފަދަ ނުރައްކާތެރި ހާލަތެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަސްކަރީ އިސްވެރިންނަށް ތިއްބަވައިގެން ގައުމު ހިންގޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. އެމެރިކާގެ އަތުގައި މިފަދަ ހަތަރު ބޯޓު އޮންނައިރު، ކޮންމެ ވަގުތެއްގައި ވެސް އެއް ބޯޓު އޮންނަނީ ކުއްލި ހާލަތަކަށް ތައްޔާރުވެގެންނެވެ.

ފްލައިޓް ޓްރެކް ކުރާ ސައިޓުތަކުން ދައްކާ ގޮތުގައި، މިދިޔަ އަންގާރަ ދުވަހު (6 ޖެނުއަރީ) މި ބޯޓު ނެބްރަސްކާގެ އޮމާހާ އިން ފުރައިގެން ގޮސް، ވޮޝިންޓަން ޑީސީއާ ކައިރީގައިވާ ކޭމްޕް ސްޕްރިންގްސްއަށް ވަނީ ޖައްސާފައެވެ. އަދި އިއްޔެ މި ބޯޓު ލޮސް އެންޖެލިސްގެ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ޖައްސާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މި ދަތުރުތަކުގެ ސީދާ މަގްސަދެއް ރަސްމީ ފަރާތްތަކުން ހާމަކޮށްފައި ނުވި ނަމަވެސް، މިއީ އާންމުކޮށް ބޯޓުގެ ފަޅުވެރިން ތަމްރީނު ކުރުމަށާއި ބޯޓުގެ ތައްޔާރީ ހާލަތު ދެމެހެއްޓުމަށް ކުރާ ދަތުރުތަކެއް ކަމަށް ބެލެވެއެވެ.

މި މަތިންދާބޯޓަކީ ނިއުކްލިއާ ހަމަލާއެއްގެ ސަބަބުން ކުރިމަތިވާ އިލެކްޓްރޯމެގްނެޓިކް ދޯދިތަކުން ރައްކާތެރިވާ ގޮތަށް ފަރުމާކޮށްފައިވާ ބޯޓެކެވެ.

މި ބޯޓު އުދުހުމަށް ގަޑިއަކު ގާތްގަނޑަކަށް 159,529 ޑޮލަރު ހޭދަވާއިރު، މިއީ ދުނިޔޭގެ އެންމެ އަގުބޮޑު އެއް އުޅަނދެވެ. ވައިގެ ތެރޭގައި ތެޔޮ އެޅޭ ގޮތަށް ހުންނަ މި ބޯޓަށް މެދުނުކެނޑި ހަފްތާއެއްހާ ދުވަހު އުދުހުމުގެ ގާބިލްކަން ލިބިގެންވެއެވެ. އަދި ސައިބާ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި ބޯޓުގެ ކޮންޓްރޯލްތައް ހުންނަނީ އެނަލޮގް ސިސްޓަމްތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު