އައިޖީއެމްއެޗް
އައިޖީއެމްއެޗް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރާއި، ބަލިމީހުންނާ މެދު އަމަލުކުރާ ގޮތުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އެ ހޮސްޕިޓަލަށް އަނެއްކާވެސް އަމާޒުވެއްޖެއެވެ.

ދާދި ފަހުން ސޯޝަލް މީޑިއާގައި އާންމުވި ޝަކުވާއެއްގައި، ހިތުގެ ބައްޔަކަށް ފަރުވާ ހޯދަމުންދާ އަންހެން ބަލިމީހަކު ބުނެފައިވަނީ ހޮސްޕިޓަލުން ގުޅައި ސާޖަރީއަށް ތައްޔާރުވެގެން އައުމަށް އެނގިކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް އަންގާފައިވާ ގަޑިއަށް ދިއުމުން ކިޔުގައި އެތައް ގަޑިއިރެއް ވަންދެން މަޑުކުރުވުމަށްފަހު އެންމެ ފަހުން އެނދު ނެތްކަމަށް ބުނެ ފޮނުވާލާފައިވާ ކަމަށް ބުނެފައެވެ.



ސާޖަރީތައް ލަސްވާތީ ބަލިމީހަކު ކުރި ޝަކުވާއެއް


ބަލިމީހާ ފާހަގަކުރި ގޮތުގައި، އޭނާގެ ހިތުގެ ވިންދު ބެލުމަށް ލައްވާފައިވާ އައިއެލްއާރު (ILR) ޑިވައިސް ނެގުމަށް ޑޮކްޓަރުން ލަފާދީފައިވާ މުއްދަތު ހަމަވެ، ސާޖަރީގެ އިންތިޒާރުގައި ހަ މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ ހޮސްޕިޓަލުގެ މެނޭޖްމަންޓާއި މުވާސަލާތީ ނިޒާމުގެ ދޯހަޅިކަމާ މެދު ސުވާލު އުފައްދަމުންނެވެ. ހާއްސަކޮށް ހިތުގެ ބަލި ފަދަ ނާޒުކު ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ދޭންޖެހޭ ސަމާލުކަން ކުޑަވުމަކީ ބަލިމީހާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާ ކަމެއްގެ ގޮތުގައި އާންމުން ދަނީ ސިފަކުރަމުންނެވެ. ބަލިމީހާ ބުނި ގޮތުގައި، ހުރިހާ ތައްޔާރީތަކެއް ވެގެން ހޮސްޕިޓަލަށް ދިއުމުން، އެއްވެސް ސާފު މަޢުލޫމާތެއް ނުދީ ބެހެއްޓުމަކީ ހޮސްޕިޓަލުގެ ފަރުވާކުޑަކަން ހާމަވާ ކަމެކެވެ.

މީގެ އިތުރުން، އައިޖީއެމްއެޗްގައި ވިހެއި ތުއްތު ކުއްޖަކު މަރުވުމާ ގުޅިގެން ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ކުރެވޭ ތުހުމަތުތަކެއް ވެސް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ. މި ހާދިސާގައި ތުއްތު ކުއްޖަކު މަރުވުމާ ގުޅިގެން، ހޮސްޕިޓަލުން ވަނީ އެކަމަށް މަޢާފަށް އެދި، ޚިދުމަތްތައް ރަނގަޅު ކުރަންޖެހޭ ކަމަށް އިއުތިރާފުވެފައެވެ. މިފަދަ ހިތާމަވެރި ހާދިސާތަކާއި، ބަލިމީހުންގެ އާންމު ޝަކުވާތަކާ ގުޅިގެން، ސަރުކާރުގެ މައި ހޮސްޕިޓަލުގެ އިތުބާރު ގެއްލެމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު