ގދ. ތިނަދޫ، ޒިޔާދާ ނައީމް ( ކ) ރޭޕް ކުރި  އޭނާގެ ފިރިމީހާ، އިބްރާހިމް ޝާހް ( ވ)
ގދ. ތިނަދޫ، ޒިޔާދާ ނައީމް ( ކ) ރޭޕް ކުރި އޭނާގެ ފިރިމީހާ، އިބްރާހިމް ޝާހް ( ވ)
އަނބި މީހާ "ރޭޕް" ކުރި ފިރިމީހާއަށް ކުރި ހުކުމަކީ  އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށް އެޅިގެން ދިޔަ ނުހަނު މުހިއްމު ފިޔަވަޅެއް ކަމަށް ޖެންޑަރ މިނިސްޓްރީ އިން ބުނެފިއެވެ.

ޖިންސީ އަނިޔާތަކެއްގެ ޝިކާރައަކަށްވެ ލިބުނު އަނިޔާތަކުގެ ސަބަބުން ނިޔާވި ގދ. ތިނަދޫ، ޒިޔާދާ ނައީމް ރޭޕް ކުރި ކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ، އިބްރާހިމް ޝާހްގެ މައްޗަށް އުފުލާފައިވާ ދައުވާ، އޭނާގެ މައްޗަށް ސާބިތުވެ، 3 އަހަރަށް ޖަލަށް ލާން ހައިކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފައެވެ. އެކަމާ ގުޅިގެން ޖެންޑަރ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމަކީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި މިނިސްޓްރީން ދެކޭ ކަމަށެވެ.

ޖިންސީ ކުށުގެ ގާނޫނުގައި ފިރިމީހާ އަނބި މީހާ "ރޭޕް" ކުރުމަކީ، އެ ގާނޫނު ބަލައިގަންނަ، އަދަބު ކަނޑައެޅިފައި ވާ ކުށެއް ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، އެއީ ދިވެހިރާއްޖޭގެ ތާރީހުގައި، ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓު މަރުހަލާގައި ފިޔަވަޅު އެޅުމަށް ނިންމި ފުރަތަމަ ފަހަރު ކަމަށް ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެއީ އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށް އެޅިގެން ދިޔަ ނުހަނު މުހިއްމު ފިޔަވަޅެއް ކަމުގައި މިނިސްޓްރީން ދެކޭ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ޖެންޑާ މިނިސްޓްރީން އިތުރަށް ބުނީ ޕްރޮސިކިއުޓާ ޖެނެރަލް، އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކުރައްވާ މަސައްކަތްތަކަކީ މިނިސްޓްރީން ބަލައިގަންނަ އަދި ޝުކުރު އަދާކުރާ ކަމެއް ކަމަށެވެ.

2015 ވަނަ އަހަރު ޑިސެންބަރު މަހު ޒިޔާދާ ނިޔާވެފައި ވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެގެންނެވެ. ޒިޔާދާ ނިޔާވީ އޭނާގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ކަމަށް އޭނާގެ ޕޯސްޓް މޯޓަމް ރިޕޯޓުގައިވެއެވެ. ޒިޔާދާގެ މަރުގެ މައްސަލާގައި ޝާހުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ހަތަރު ދައުވާއެކެވެ. އޭގެ ތެރޭގައި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދައުވާއާއި، މީހަކު މަރުވެ ދިއުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. މީގެ އިތުރުން މީހަކު މަރުވެދިއުމުގެ އިހުމާލު ވުމުގެ ކުށުގެ ދައުވާ އަދި ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން