އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ)
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ)
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކިކުރި އަހްމަދު ޝަމާހު ރަޝީދު އެ މަގާމުން ވަކިކުރުމުގެ ހަގީގަތާއި، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކުގެ ހަގީގަތް ސާފުކޮށްދިނުމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ގޮވާލައްވައިފިއެވެ.

ޝަމާހް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. އޭނާ އިއްޔެ އެ މަގާމުން ވަކިކޮށްފައިވާއިރު، މަގާމުން ވަކިކުރިފަހުން ޝަމާޙް ވާހަކަ ދައްކާ ކަމަށް ބުނާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މީގެ އިތުރުން ޝަމާހްގެ މައްސަަލައެއް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންވެސް ވަނީ މިއަދު ބުނެފައެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަންކަމަށް އިޝާރާތް ކުރަށްވަމުން ޣަފޫރު ވިދާޅުވީ، ސަރުކާރުން އެހުރިހާ ކަމަކަށް ޖަވާބު ދޭން ޖެހޭ ކަމަށެވެ. އަދި ލީކުވެފައިވާ އޯޑިއޯގެ ވެރިފިކޭޝަން ހަދައި އެއީ ތެދުތޯ ނުވަތަ ދޮގުތޯ ހާމަކުރަން ޖެހޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ ޝަމާޙް ވަކިކުރި ސަބަބާއި ސްޓެލްކޯގެ ކޮރަޕްޝަން ހުރި މިންވަރު ރައްޔިތުންނަށް ހާމަކޮށްދިނުމަށްވެސް ޣަފޫރު ވަނީ ގޮވާލައްވާފައެވެ. އަދި ސްޓެލްކޯގެ އިތުރުން ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުން ވައްކަންކުރާ މައްސަލަތަކުގައި އެ ކުންފުނިތަކުން މީހުން ވަކިކޮށް، ރައްޔިތުންނަށް ސާފު މައުލޫމާތު ސަރުކާރުން ފޯރުކޮށްދޭން ޖެހޭނެ ކަމަށަވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ސްޓެލްކޯގެ އެމްޑީިކަމުން ޝަމާހު ވަކިކޮށްފައިވާއިރު، މި ސަރުކާރުގެ ކުރީކޮޅު ޝަމާހް ވަނީ މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައެވެ. އަދި އެކުންފުނި ހިންގުމުގައިވެސް ގޯސްތަކެއް ހެދިކަމަށް ތުހުމަތު ކުރެވުމުން ދެފަހަރު މަތިން ސަސްޕެންޑު ކުރުމަށްފަހު އޭނާ އެ މަގާމުން ވަކިކުރީ 2024 ވަނަ އަހަރު މެއި 21 ގައެވެ. އޭގެ ފަހުން އޭނާ ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު