އިންޑިއާގެ ވެސްޓް ބެންގާލް ގައި ސިނަމާތަކާއި އޯޕަން އެއަރ ތިއޭޓަރުތައް ބުރާސްފަތި ދުވަހު ހުޅުވަން ނިންމައިފިއެވެ.

ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި އިންޑިއާގެ ވެސްޓް ބެންގާލް ގައި ސިނަމާތަކާއި އޯޕަން އެއަރ ތިއޭޓަރުތައް ހުޅުވުމަށް ނިންމައިފައިމިވަނީ، ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ލޮކްޑައުންގެ ހާލަތަށް ދެވޭ ލުއެއްގެ ގޮތުގައި އިންޑިޔާ ސަރުކާރުގެ ޗީފް މިނިސްޓަރ މަމަތާ ބެނެރްޖީއެވެ.

މަމަތާ ބެނެރްޖީ ވިދާޅުވާ ގޮތުގައި، 1 އޮކްޓޯބަރުން ފެށިގެން، ވެސްޓް ބެންގާލްގައި ސިނަމާތަކާއި ތިއޭޓަރުތައް ހުޅުވައި މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ. އަދި މިކަން ކަމުގައި އެއްފަހަރާ 50 މީހުންނަވުރެއް ގިނަ މީހުންނަކަށް ބައިވެެރިއެއް ނުވެވޭނެެއެވެ. ސިނަމާތަކާއި ތިއޭޓަރުތައް ހުޅުވައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައިވެސް ގައިދުރުކަން ބަހައްޓައި މާސްކް އަޅަން ޖެހޭނެކަމަށް މަމަތާ ބެނެރްޖީ ވިދާޅުވެފައިވެއެވެ.

މަމަތާ ބެނެރްޖީގެ މިނިންމުމަށް ބައެއް އާންމު ރައްޔިތުންނާއި ސިޔާސީ އިސްވެރިންގެ ފަރާތުން ފާޑުކިއުން އަމާޒުވެފައިވެއެވެ. ގިނަ ބަޔަކު ދެކޭގޮތުގައި، ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ލޮކްޑައުންގެ ފިޔަވަޅާއެކު ގިނަ ކަންކަން ހުއްޓިފައިވާއިރު، އިންޑިއާގެ ވެސްޓް ބެންގާލްގެ ސިނަމާތައް ހުޅުވުމުގެ ނިންމުން މިއީ މަމަތާ ބެނެރްޖީގެ ސިޔާސީ މަގާމު ދެމެހެއްޓުމަށް ރޭވިގެން ކުރިއަށްދާ ކަމެކެވެ.

މަމަތާ ބެނެރްޖީގެ މިނިންމެވުމާމެދު އިންޑިއާ ސަރުކާރުން ދެކޮޅުހަދާފައި ނުވިނަމަވެސް، އިންޑިއާ ސަރުކާރު ހިންގާ މައިޕާޓީ، ބީޖޭޕީގެ ގިނަ އިސްވެރިން ބުނަމުންދަނީ ވެސްޓް ބެންގަލްގެ ސިނަމާތައް ހުޅުވިޔަސް، އިންޑިއާގެ އެހެން ސްޓޭޓްތަކުގެ ސިނަމާތައް، އިންޑިއާ ސަރުކާރަކުން ނުހުޅުވާނެކަމެވެ.

އިންޑިއާގައި މިހާތަނަށް 6 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، އިންޑިއާގެ ވެސްޓް ބެންގާލްގަ އެކަނިވެސް 2 ލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާކަމަށް އެންމެ ފަހުގެ ރިޕޯޓުތަކުން ދައްކައެވެ. އަދި އިންޑިއާގެ ވެސްޓް ބެންގާލްއިން މިބަލީގައި މަރުވި މީހުންގެ އަދަދު 4000 އަށްވުރެ ގިނައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން