ގއ.ދާންދޫ: އެރަށުގައި ހިނގި މާރާމާރީއެއްގައި ތިން މީހަކަށް ވަނީ އަނިޔާވެފައި
ގއ.ދާންދޫ: އެރަށުގައި ހިނގި މާރާމާރީއެއްގައި ތިން މީހަކަށް ވަނީ އަނިޔާވެފައި
ގއ. ދާންދޫގައި ރޭ ހިންގި މާރާމާރީއެއްގައި އެކެއްގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާއަށް އެ އަތޮޅު ވިލިނގިއްޔަށް ގެންގޮސްފިއެވެ.

ގއ. ދާންދޫ ކެފޭއެއްގެ ތެރޭގައި ރޭ ހިންގި މި މާރާމާރީ ހިންގީ ދެ ގުރޫޕުގެ މެދުގަ އެވެ. އެއް ގުރޫޕުގައި ތިބީ އުމުރުން 25 އަހަރުގެ ދެ މީހަކާއި 27 އަހަރުގެ މީހެއް ކަމަށާއި، އަނެއް ގުރޫޕުގައި ހަރަކާތްތެރިވީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި ގާތްގަނޑަކަށް 19 އަހަރުގެ ފިރިހެނެއް ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.

މިމާރާމާރީގައި ސީރިއަސް އަނިޔާތަކެއް ލިބުނީ 19 އަހަރުގެ ޒުވާނާ އަށެވެ. ރޭ އެގާރަ ޖަހާ އެހާކަންހާއިރު ހިނގި މިމާރާމާރީގައި ތޫނު އެއްޗަކުން ބޮލަށް ހަމަލާދިނުމުން ހާލު ސީރިއަސްވި ޒުވާނާ އަށް ފުރަތަމަ ފަރުވާ ދިނީ ދާންދޫ ސިއްހީ މަރުކަޒުގަ އެވެ. ނަމަވެސް ލޭ މަނާނުވުމުން ދަންވަރު 12:15 ހާއިރު، ޑޮކްޓަރާއެކު ވިލިނގިއްޔަށް އެ މީހާ މިހާރު ވަނީ ގެންގޮސްފައެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، ދާންދޫގައި މާރާމާރީއެއް ހިންގައިގެން ރޭ 11:25 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާ ވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ހާމަކުރެއެވެ. ފުލުހުން ދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން