ބީސީސީގެ ވެރިން
ބީސީސީގެ ވެރިން
ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާތާ ތިން މަސް ވެފައިވާ ކަމަށް ޕެންޝަން އޮފީހުން ހާމަކޮށްފައިވާ މަޢުލޫމާތުތަކުން ދައްކައިފިއެވެ.

ޕެންޝަން އޮފީހުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ބީސީސީން އެންމެ ފަހުން މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. އޭގެފަހުން ބީސީސީން ޕެންޝަން ފަންޑަށް ފައިސާ ޖަމާކޮށްފައެއް ނުވެއެވެ. ނަމަވެސް އެކުންފުނިން ވަނީ މުވައްޒަފުންގެ މުސާރައިން ޕެންޝަނަށް ފައިސާ އުނިކޮށްފައެވެ.

ބީސީސީގެ އިތުރުން އާރުޑީސީ އާއި ވެމްކޯއިން ވެސް ޕެންޝަން ފަންޑަށް ޤަވާއިދުން ފައިސާ ޖަމާކުރަމުން ނުދާކަން ޕެންޝަން އޮފީހުގެ ހިސާބުތަކުން ދައްކައެވެ. ވެމްކޯއިން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދެއްކީ އޮކްޓޫބަރު 2024 ގައެވެ. އަދި އާރުޑީސީން ޕެންޝަން ފަންޑަށް ޖަމާކުރަންޖެހޭ ފައިސާތަކެއް ޖަމާނުކޮށް ހުރުމުން، އެ ކުންފުންޏާ މުއާމަލާތްކުރަމުން އަންނަ ކަމަށް ޕެންޝަން އޮފީހުން ވަނީ ހާމަކޮށްފައެވެ.

ދިވެހިރާއްޖޭގައި ޕެންޝަނާބެހޭ ޤާނޫނު ވުޖޫދުވެފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 13 މެއި 2009 ވަނަ އަހަރުއެވެ. މިގާނޫނު ވުޖޫދުވެ، 2011 ވަނަ އަހަރު ޕެންޝަން އޮފީސް އުފެދި، ޕެންޝަނާއި ބެހޭ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ގާއިމްވެގެން އައީ ވޯލްޑް ބޭންކުގެ މާލީ އެހީތެރިކަމާއި އެކު 5 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި ހިންގި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ އެހީތެރިކަމާއެކުއެވެ.

ޕެންޝަން ޤާނޫނުގެ ދަށުން ދައުލަތުގެ ހުރިހާ މުވައްޒަފުން ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރަންޖެހޭއިރު، 2011 ވަނަ އަހަރުން ފެށިގެން އަމިއްލަ ފަރާތްތަކުގެ ވަޒީފާ އަދާކުރާ ފަރާތްތަކުންވެސް އެ ފަންޑަށް ފައިސާ ޖަމާކުރަން ޖެހެއެވެ.

ޕެންޝަން ޤާނޫނު ތައާރަފުކުރީ މުވައްޒަފުން ޚިދުމަތްކުރުމަށްފަހު، ރިޓަޔާކުރުމުން އާމްދަނީއެއް ލިބޭނެ މަގުފަހިކުރުމަށެވެ. އެ ގޮތުން ވަޒީފާދޭ ފަރާތުން ހަތް އިންސައްތައާއި މުވައްޒަފުގެ މުސާރައިން ހަތް އިންސައްތައާ އެކު ޖުމުލަ 14 އިންސައްތަ ޕެންޝަން ފަންޑަށް ޖަމާކުރަން ޖެހޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު