މިނިއަޕޮލިސްގައި މިދިޔަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު، އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް ގެ އެޖެންޓުން ރެނީ ގުޑް ނަމަކަށް ކިޔާ އަންހެނެއްގެ ކާރުގެ ކުޑަދޮރުން ތިން ފަހަރަށް ބަޑިޖަހައި އޭނާ މަރާލި ހާދިސާއަކީ ބައިނަލްއަގުވާމީ ސަމާލުކަން ލިބިފައިވާ އަނިޔާވެރި އަމަލެކެވެ.

ރެނީ އޭނާގެ ކާރުގައި އެ އެޖެންޓުންނާ ދުރަށް ދާން އުޅެނިކޮށް ބަޑިޖެހުމަށްފަހު، އޭނާއަށް ފަރުވާ ދިނުމަށް އައި އެމްބިއުލާންސްތަކަށް 15 މިނިޓު ވަންދެން އެ ސަރަހައްދަށް ވަނަނުދީ އެޖެންޓުން ވަނީ ހުރަސް އަޅާފައެވެ.

މި ހާދިސާއަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯމް ވަނީ ރެނީ އަކީ "ޑޮމެސްޓިކް ޓެރަރިސްޓެއް" ކަމަށް ސިފަކޮށް، އެޖެންޓުން އަމަލުކުރީ އަމިއްލަ ދިފާއުގައި ކަމަށް ބުނެފައެވެ.



އެމެރިކާގެ އައިސީ ފައުޖު


މި ހާދިސާއިން ސިފަވަނީ ފަލަސްތީނުގެ ރައްޔިތުންނާ މެދު އިސްރާއީލުން އަމަލުކުރާ ގޮތްތަކެވެ. މިދިޔަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ހެބްރޯންގައި 17 އަހަރުގެ އަހުމަދު ރަޖަބީގެ ކާރު ހުއްޓުވުމަށްފަހު އިސްރާއީލު ސިފައިން އޭނާ މަރާލައި، އެމްބިއުލާންސްތަކަށް ހުރަސް އެޅި ހާދިސާއަކީ މީގެ ސީދާ މިސާލެކެވެ. އިސްރާއީލުން އަބަދުވެސް މަރުވާ މީހުންނަކީ "ޓެރަރިސްޓުން" ކަމަށް ބުނެ، އެމީހުންގެ މަރަށް އެމީހުން ޒިންމާދާރުކުރުވައެވެ. މިއީ ހަތިޔާރު އެޅި ފަރާތްތަކަށް އެއްވެސް ޖެހިލުމެއްނެތި، ގާނޫނީ ރައްކާތެރިކަމެއް ނެތް އާންމުންނާ މެދު އަނިޔާވެރިވުމުގެ ފުރުސަތު ދިނުމަށް ބޭނުންކުރާ އުކުޅެކެވެ.

މި އަނިޔާވެރި ނިޒާމުގެ ފަހަތުގައި ވަނީ ބޮޑެތި ކޯޕަރޭޓް މަސްލަހަތުތަކާއި ޓެކްނޮލޮޖީއެވެ. 'ޕަލަންޓިއަރ' ފަދަ ކުންފުނިތަކުން އައިސީއީ ގެ ޑޭޓާ ސިސްޓަމްތައް ހިންގާއިރު، ހަމަ އެ ކުންފުނިން އިސްރާއީލުން ފަލަސްތީނު މީހުންނަށް އަމާޒުކޮށްދޭ އޭއައި ޕްލެޓްފޯމްތައް ފޯރުކޮށްދެއެވެ. މީގެ އިތުރުން 'އެލްބިޓް' ފަދަ އިސްރާއީލުގެ ކުންފުނިތަކުން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީއަށް ޖާސޫސީ އާލާތްތައް ފޯރުކޮށްދެއެވެ. އެމެރިކާގެ ފުލުހުން އިސްރާއީލަށް ގޮސް "ބެސްޓް ޕްރެކްޓިސް" ދަސްކުރުމުގެ ނަމުގައި ދަސްކުރަނީ އާންމު ރައްޔިތުން ކޮންޓްރޯލްކޮށް، އެމީހުންނަކީ ނުރައްކަލެއްގެ ގޮތުގައި ދެކެން ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

އައިސީއީ އަކީ މިހާރު ދުނިޔޭގެ 13 ވަނައަށް އެންމެ ބޮޑު ސިފައިންގެ ފައުޖާ އެއްވަރުގެ ބަޖެޓެއް (4 އަހަރަށް 170 ބިލިއަން ޑޮލަރު) އޮންނަ އިދާރާއެކެވެ.

2025 ވަނަ އަހަރަކީ އެ އިދާރާގެ ބަލލުމުގެ ދަށުގައި ތިއްބާ އެންމެ ގިނަ މީހުން މަރުވި އަހަރެވެ. މި ނިޒާމަކީ ހަމައެކަނި ވަކި ސަރުކާރެއްގެ ސިޔާސަތެއް ނޫން ކަމަށާއި، އޮބާމާގެ ވެރިކަމުން ފެށިގެން މި އިދާރާ އަސްކަރީ ބާރަކަށް ބަދަލުވަމުން އައިސްފައިވާ ކަމަށްވެސް ލިޔުމުގައި ބުނެފައިވެއެވެ. މިފަދަ ނިޒާމުތަކުގެ މަގްސަދަކީ ވަކި ބަޔަކަށް ބިރުދައްކައި، ދިރިހުރުމަކީ ހަމައެކަނި "ހައްގުވާ" މީހުންނަށް އޮތް ފުރުސަތެއްގެ ގޮތުގައި ހެދުމެވެ.



ކިޔުންތެރިންގެ ހިޔާލު