އަދާލަތު ޕާޓީން ބޭއްވި ޕްރެސް ކޮންފަރެންސެއްގެ ތެރެއިން-
އަދާލަތު ޕާޓީން ބޭއްވި ޕްރެސް ކޮންފަރެންސެއްގެ ތެރެއިން-
އަދާލަތު ޕާޓީގެ ރައީސަކު ހޮވުމަށް މި މަހުގެ 31 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް އެ ޕާޓީގެ އެތެރޭގެ އިންތިޚާބީ ގަވާއިދު ތަން ނުދޭ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ ޕާޓީގެ އާންމު މެންބަރެއް ކަމަށްވާ ޑރ. އިކްރާމް އަބްދުއްސައްތާރާއި، ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝެއިޚު މުހައްމަދު ޝިފާނެވެ.

މީގެ ތެރެއިން ޑރ. އިކްރާމް ވަނީ އިންތިހާބުގައި ވޯޓު ފޮށި ބެހެއްޓުމަށް އެދިވަޑައިގެން މިދިޔަ އާދިއްތަ ދުވަހު ޕާޓީއަށް ސިޓީއެއް ހުށަހަޅުއްވާފައެވެ.

އެ ސިޓީގެ ޖަވާބުގައި އަދާލަތު ޕާޓީގެ އިންތިހާބީ ކޮމިޓީގެ ރައީސް އަލީ ރަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވީ ރައީސަކު ހޮވުމުގެ އިންތިހާބުގެ ކަންކަން ކުރިއަށް ދަނީ ޕާޓީގެ ދުސްތޫރާއި އެތެރޭގެ އިންތިހާބުތަކަށް ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި މިހާރު އަމަލުކުރަމުންދާ ގަވާއިދުގައި ވޯޓު ފޮށި ބެހެއްޓުމަށް އެއްވެސް ޖާގައެއް ދީފައި ނުވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދާލަތު ޕާޓީގެ އިންތިހާބީ ކޮމިޓީން ބުނީ އިންތިހާބުގެ ކަންކަން އިންތިޒާމު ކުރަމުންދަނީ މިނިވަންކަމާއި ދެފުށް ފެންނަކަން ކަށަވަރުވާނެ ގޮތަށް ކަމަށެވެ. އެހެންކަމުން، ޕާޓީގެ މެންބަރުންގެ މެދުގައި އިންތިހާބާމެދު ޝައްކު އުފެދޭ ފަދަ ވާހަކަ ނުދެއްކުމަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.

މި އިންތިހާބުގައި ވާދަކުރައްވާ ޝެއިޚް ޝިފާން ނިކުންނަވަނީ ޕާޓީގެ މިހާރުގެ ރައީސް އިމްރާން އަބްދުالله އާއި، ޝެއިޚް އިޔާޒް އަބްދުއްލަތީފްގެ އިތުރުން ޝެއިޚް އިލްޔާސް ހުސައިންގެ ފުރިހަމަ ތާއީދާ އެކުގައެވެ.



ކިޔުންތެރިންގެ ހިޔާލު