ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު
ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ދިގުރާސްތާ ޕްލޭންތަކެއް ހެދިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދ ގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށްދިޔަ ހޮރަސިސް އެކްސްޓްރާ އޯޑިނަރީ މީޓިންގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވީ، ކޮވިޑްގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ޚަރަދުކުޑަ ކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅު ތަކެއް އަޅާފައިވާ ކަމަށެވެ.

އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ދިގުރާސްތާ ޕްލޭންތަކެއް ހެދިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ސަރުކާރުން ހެދި މި ޕްލޭންތަކުގެ ތެރޭގައި އިގްތިސާދު ފުޅާކޮށް، ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނައުން ހިމެނޭ ކަމަށެވެ. ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝް ފަދަ އަވަށްޓެރި ގައުމުތަކުން މާލީ އެހީއާއި، ލޯނު އަދި ތަކެތީގެ އެހީ ފޯރުކޮށްދީ، ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި މެދުކެނޑުމެއް ނެތި ލިބޭނެ މަގު ތަނަވަސްކޮށްދީފައިވާ ކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

ޝާހިދު ވިދާޅުވީ ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގުތިޞާދު އެހާ ބޮޑަށް އަޑިއަޅާލީ ހަމައެކަނި ފަތުރުވެރިކަމުގެ ސިނާޢަތަށް އިގުތިޞާދު ބަރޯސާވެފައި އޮތުމުން ކަމަށެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބާރުލުމާ ބެހޭ ޖަމްއިއްޔާ (ސާކް) ގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް މިނިސްޓަރު ޝާހިދު ވަނީ އެދިވަޑައިގެންފައެވެ. މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިގޮތުގައި ސަރަހައްދީ އެއްބާރުލުމުގެ ފުރިހަމަ ނަތީޖާ ނެރުމަށްޓަކައި ގައުމުތަކުގެ މެދުގައި ވިޔަފާރިއާއި ދަތުރުފަތުރު އިތުރަށް ފުޅާކުރަން ޖެހެއެވެ. ހަމައެއާއެކު، އިންޓަރނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީ އެންމެންނަށް ފޯރުކޮށްދިނުމުގެ މުހިއްމުކަން ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ހާމަވެގެން ގޮސްފައިވާކަން މިނިސްޓަރު ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-10

ގައުމީ ލޯބި

04-Oct-2020

ފުރަތަމަ ކަމަކީ އިންޑިޔާއަށް 200 މިލިޔަން ޑޮލަރަށް އައްޑޫ ވިއްކާލުން



ޓްރެންޑިން