ހައުސިން މިނިސްޓަރ-
ހައުސިން މިނިސްޓަރ-
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުން އެމީހަކަށް ލިބޭ ޕޮއިންޓުގެ ތަފްސީލް ވަގުތުން އެނގޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން 15,000 ގޯއްޗާއި 7,900 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ މިއަދުއެވެ. މިހާރު "ހިޔާވަހި" ޕޯޓަލް މެދުވެރިކޮށް ފްލެޓާއި ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ސްކީމުގެ ދަށުން ފޯމު ހުށަހެޅުމާއެކު، އެ މީހަކަށް ލިބޭ ޕޮއިންޓުގެ ތަފްސީލް ވަގުތުން އެނގޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މިކަމާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މުއްތަލިބު ވިދާޅުވީ ފޯމު ހުށަހެޅުމުގެ ކުރިން ޑްރާފްޓް މަރުހަލާގައި ލިޔެކިޔުންތައް ހަމަކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އެހެންނަމަވެސް ފޯމު ހުށަހެޅުމަށްފަހު ކެންސަލް ނުކުރެވޭނެތީ، ސައްޙަ މަޢުލޫމާތު ހުށަހެޅުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ހުށަހަޅާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރު ކުރުމަށްޓަކައި، ރާއްޖޭގެ އެއްވެސް ރަށެއްގައި އެމީހެއްގެ ނަމުގައި ބިމެއް ނުވަތަ ގެދޮރެއް އޮތްތޯ ސަރުކާރުން ވަރަށް ބޮޑަށް ބަލާނެ ކަމަށެވެ.

މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.

ވަގުތީ ލިސްޓު އިޢުލާން ކުރާނީ ހުށަހަޅާ ފޯމުތަކުގެ އަދަދަށް ބަލައި، މަޢުލޫމާތުގެ ސައްޙަކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ސްކީމުގައި މާލޭގެ ރަށްވެހިންނަށާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ވަކި ކެޓަގަރީތަކެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ވެށިފަހި އަދި ހިޔާ މަޝްރޫޢުން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކަށްވެސް މި ސްކީމުން ކުރިމަތިލުމުގެ ޚާއްޞަ އިޚުތިޔާރުތަކެއް ޕޯޓަލްގައި ހިމަނާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު