ފުލުހުން މާލެ ތެރެ ޕެޓްރޯލްކުރަނީ
ފުލުހުން މާލެ ތެރެ ޕެޓްރޯލްކުރަނީ
މާލެ ސަރަހައްދުގައިއެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކަށް ހޮނިހިރު ދުވަހުން ފެށިގެން ބަދަލު ގެނެސްފިއެވެ.

މާލެ ސަަރަހައްދުގައި ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުން ފެށިގެން, ރޭގަނޑު 8:00 އިން ފަތިހު 5:00 އާ ހަމައަށް އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން މިހާރު ވަނީ މިނިންމުން ބަދަލުކޮށް، ރޭގަނޑު މަގުމަތީގައި ވެހިކަލް ދުއްވޭނެ ގަނޑިއާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅެވޭނެ ވަގުތަށް ބަދަލު ގެނަސްފައެވެ. އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާ ކޮށްފައިވަނީ ރޭގަނޑު 10:00ން ފެށިގެން ފަތިހު 05:00 އާ ހަމައަށެވެ.

ވެހިކަލް ދުއްވުން މަނާ ގަޑިތައް ކަނޑައެޅުމާއެކު އޭރު ފުލުހުން ބުނެފައިވަނީ، މަނާ ވަގުތުތަކުގައި ބޭރުގައި އުޅޭ މީހުން ފުލުހުން ބަލަމުން ގެންދާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް ނަސޭހަތްތެރިވާނެ ކަމަށާއި، އަދި ދެވަނަ ފަހަރު އެ އުޅަނދެއް ޗެކްކުރެވިއްޖެ ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އޭގެއިތުރުން، އިތުރު ފިޔަވަޅެއްގެ ގޮތުން މިގޮތަށް ތަކުރާރުވާނަމަ އެ އުޅަނދެއް ޓޯ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު, މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުއްވި އެންގުމުގައި ބުނެފައިވަނީ މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރާ ވަގުތަށް ބަދަލުގެނައި ނަމަވެސް، އޮގަސްޓު 24 ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރުނު އެންގުމުގައި ބުނެފައިވާ އެހެނިހެން ފިޔަވަޅުތަކާއި އިސްތިސްނާތައް އެގޮތަށް ދެމި އޮންނާނެ ކަމަށެވެ. އުޅަނދު ދުއްވުން މަނާކުރި ވަގުތުތަކަށް ބަދަލު ގެނެސްފައި ވީނަމަވެސް، ރޭގަނޑު 10:00 އިން ފަތިހު 5:00 އާއި ހަމައަށް ބޭރަށް ނުކުމެ އުޅުން އަދިވެސް މަނާވާނެ ކަމަށް އެޗްޕީއޭގެ އެންގުމުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން