ފައްޔާޒު އިސްމާއިލް
ފައްޔާޒު އިސްމާއިލް
މި ސަރުކާރުގެ ދަރަނި މެނޭޖްކުރުމުގެ ސިޔާސަތަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން އަދި ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއިލް، ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ފައްޔާޒް ވަނީ، ކުރިއަށް އޮތް އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކަކީ ސަރުކާރުން މާކުރިން ތައްޔާރުވާންޖެހޭ، މާލީ ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ފައްޔާޒް ވިދާޅުވީ ދައުލަތުގެ ދަރަނި ރީފައިނޭންސް ކުރުމަކީ ދުނިޔޭގެ ގައުމުތަކުން ރިޒާވް ހިމާޔަތް ކުރުމަށާއި މާލީ ހަމަޖެހުން ގާއިމްކުރުމަށް ބޭނުންކުރާ އާންމު އުސޫލެއް ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރު، އޭރުގެ އެމްޑީޕީ ސަރުކާރުން ވަނީ ކުރީގެ ސަރުކާރުން ނަގާފައިވާ ބޮންޑެއް ރީފައިނޭންސް ކުރުމަށްޓަކައި ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ އިސްލާމިކް ސުކޫކު ކާމިޔާބުކަމާއެކު ނެރެފައިކަން އޭނާ ހަނދާން ކޮށްދެއްވިއެވެ. އެ ފިޔަވަޅުގެ ސަބަބުން ކޮވިޑްގެ ބޮޑު ތަދުގެ ތެރޭގައިވެސް ރާއްޖޭގެ ރިޒާވް ހިމާޔަތްކުރެވި، އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މިހާރުގެ ސަރުކާރު ވެރިކަމަށް އައީ ކޮވިޑް ދުވަސްވަރުގެ ދަރަންޏަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ކަމަށާއި، އެހެންނަމަވެސް ވެރިކަމުގައި ދެ އަހަރަށްވުރެ ގިނަ ދުވަސްވީއިރުވެސް، މި ބޮޑު ދަރަނި އަދާކުރާނެ އިތުބާރު ހުރި ޕްލޭނެއް ނުވަތަ މާލީ އިސްލާހީ ފިޔަވަޅެއް ފެންނަން ނެތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ފެންނަނީ ސަރުކާރުގެ ހިމޭންކަން ކަމަށާއި، މިއީ ސަރުކާރުގެ ރޭވުންތެރިކަން ހުރިލެއް މޮޅުކަމުން ވާކަމެއްތޯ ނުވަތަ ދަރަނި ދެއްކުމަށް އެއްވެސް ތައްޔާރީއެއް ނެތީތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

ހަމައެއާއެކު ފައްޔާޒް ވަނީ، އެކަށީގެންވާ ޕްލޭނެއް ނެތުމުގެ ސަބަބުން އޭޕްރީލް މަހު ދިމާވެދާނެ "ޑޭންޖަރަސް ސްކްރެމްބަލް" ނުވަތަ ނުރައްކާތެރި ހާސްކަމުގެ ތެރޭގައި، ދަރަނީގެ އެއްބައި ދެއްކުން ފަދަ ކަންކަން މެދުވެރިވެ އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި އޮޅުންބޮޅުން ބޮޑު އުސޫލުތަކަކުން އަމިއްލަ ފަރާތްތަކުން ލޯނު ނެގުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ރިޒާވް ހުސްކޮށްލަން ޖެހުމަކީ ރާއްޖޭގެ ބޭރު ފައިސާގެ މުއާމަލާތްތަކަށް ހުރަސް އެޅި، ގައުމުގެ އިގްތިސާދީ ރައްކާތެރިކަން ގެއްލިގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވެދާނެ ފަދަ ގޮތަކަށް، ބޭރު ގައުމުތަކަށް ބިން ވިއްކާލުމުގެ އަޑުތައް ފެތުރެމުން ދިއުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމުގައި ފައްޔާޒް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިހާރު ފެންނަނީ ދަރަނި މެނޭޖްކުރުމެއް ނޫން ކަމަށާއި، އެއީ ރޭވުންތެރިކަމެއް ނެތުމުގެ ސާފު ހެއްކެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު