އެއްވެސް ބާވަތެއްގެ ޑްރަގެއް ހުއްދަ ކުރުމަކީ ޤައުމުގެ މުސްތަގުބަލަށް އޮތް ނުރައްކަލެއް ކަމުގައި ވިދާޅުވެ މާލެސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު އަލްހާން ފަހުމީއަށް ރައްދު ދެއްވައިފި އެވެ.

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް "ބޭސްފަރުވާއަށް" ބޭނުން ކުރުން ޤާނޫނީ ގޮތުން ހުއްދަ ކުރަން ފެންނަ ކަމަށް މާލެ ސިޓީ ކައުންސިލަށް ކުރިމަތިލައްވައި ކެންޕެއިން ކުރައްވަމުން ގެންދަވާ އަލްހާން ފަހުމީ ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން އަލްހާން އާއި ވާދަ ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު މުއިއްޒު ވިދާޅުވީ އެއްވެސް ނިޔަތެއްގައި ޑްރަގުގެ އެއްވެސް ބާވަތެއް ހުއްދަ ކުރުމަކީ މުސްތަގުބަލަށް ފައިދާވާނެ ކަމެއް ނޫންކަމަށެވެ.

"ސިއްހީ ބޭނުމަކަށް ކަމަށްބުނެ ކެނެބިސް ވިޔަސް އަދި އެނޫން ޑްރަގެއް ވިޔަސް ހުއްދަ ކުރުމަކީ ޤައުމުގެ މުސްތަގުބަލަށް ނުރައްކާތެރިކަމެއް. ސިއްހީ ކަންކަމަށޭ ކިޔާފަ ދޭ ހުއްދަ، ދުވަސްތަކަކަށްފަހު ބަދަލުވާނީ އާންމު ހުއްދައަކަށް. ދުނިޔޭގެ އެހެން ޤައުމު ތަކުގައިވެސް ކަންކަން ވަނީ އެފަދައިން." ޑރ.މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ އަލްހާން ފަހުމީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިއްހީ ބޭނުންތަކަށް ކެނަބިސް ބޭނުން ކުރުމުގެ ހުއްދަ ދިނުމާއި މެދު ޤާނޫނު ހަދާ މަޖިލީހުން ވިސްނަން ޖެހޭ ކަމަށް އޭނާ އަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އަލްހާން ވަނީ އެ ޓުވީޓްގައި މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ޓެގްކުރައްވާފައެވެ.

ކެނަބިސް އަކީ މިހާރު ވެސް ރާއްޖެ އަށް އެންމެ ގިނައިން އެތެރެ ކުރާ މަސްތުވާތަކެތީގެ އެއްބާވަތެވެ. ސެޕްޓެމްބަރ 09 ވަނަ ދުވަހު ވެސް ރާއްޖެ އެތެރެ ކުރަން އުޅުނު 4.4 ކިލޯގެ ކެނަބިސް އާއި އެކު ބަންގްލަދޭޝް މީހަކު ހައްޔަރު ކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން