ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް- ފޮޓޯ: ބީއެމްއެލް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް- ފޮޓޯ: ބީއެމްއެލް
ނުކުޅެދުންތެރިކަން ހުރި ގިނަ ބައެއްގެ ކަންބޮޑުވުންތަކަކަށް އަދިވެސް ހައްލު ނުލިބޭކަމަށް ބުނެ ވާސޯ ޑިސްއެބިލިޓީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަން ސްޕޮންސާކޮށްދެއްވީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މި ޕެޓިޝަންގައި ފާހަގަކޮށްފައިވާ ކަންބޮޑުގުންތަކުގެ ތެރޭގައި މާލޭ، ހުޅުމާލޭ އަދި ވިލިމާލޭގައި ދިރިއުޅޭ، އެކަނި ހާލަތަށް ހިނގާ ނޫޅެވޭ ފަރާތްތަކުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާ މޫދު ކަސްރަތުތައް ކުރުމަށް މޫދަށް އެރި އުޅެވޭ ގޮތަށް ހުރި ބީޗް އެކްސެސިބަލް ސްލިޕްވޭތައް ނެތުމާއި، މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ހަދާފައި ހުންނަ ޑިސްއެބިލިޓީ ވީލްޗެއާ އެކްސެސިބަލް ފާހާނާތައް ވެސް އެ ފަރާތްތަކަށް ބޭނުން ނުކުރެވޭ ހާލަތުގައި އެތަން ހުރުމުގެ ކަންބޮޑުވުން ހިމެނެއެވެ.

އަދި ހ. ބަނޑޮސްގެ ދޮރުމަތީގައި ހަދާފައިވާ ވީލްޗެއާ އެކްސެސިބަލް ސިމެންތި ގައު ހަދާފައިވާ ގޮތުން ވީލްޗެއާ ޕޭޝަންޓުންނަށް ނުވަދެވުމުގެ ޝަކުވާއާއި، މާލޭގެ މަގުތަކުގެ ޕޭވްމަންޓްގެ ދެކޮޅުގައި ވީލްޗެއާއަށް އެރޭގޮތަށް ހަދާފައި ހުރިކަމުގައި ވިޔަސް، ގިނަފަހަރު އަދި އެއްގޮތަކަށް ވެސް ވީލްޗެއާ ޕޭމަންޓް މަތީ ރައްކާތެރިކަމާއި އެކު ދުވޭހެން ނެތުމުގެ ޝަކުވާވެސް އެޕެޓިޝަންގައި ހިމަނާފައި ވެއެވެ.

މީގެ ކުރިން މިކަމާ ގުޅިގެން މަޖިލީހަށް ހުށަހެޅި ޕެޓިޝަނަށް ވެސް އެތައް މަހެއްވީއިރު ވެސް ޖަވާބެއް ލިބިފައި ނުވާކަމަށާއި، ކަމާގުޅުން ހުރި ގިނަ އިދާރާތަކެއްގެ ވެރިންނާއި، މިނިސްޓަރުންނާ ވެސް ބައްދަލު ކުރުމަށް ގަވާއިދާ އެއްގޮތަށް އެދިފައިވިޔަސް، މިހާތަނަށް ގިނަ ފަރާތްތަކުން ފުރުސަތު ނުދެއްވާ ކަމަށާއި އަދި ޖަވާބެއްވެސް ނުލިބޭ ކަމަށް ޕެޓިޝަންގައި ވަނީ ފާހަގަކޮށްފައެވެ.

އެ ޖަމިއްޔާއިން އިތުރަށް ހާމަކޮށްފައިގޮތުގައި މި ޕެޓިޝަން ހުށަހަޅަން ޖެހުނީ، ނުކުޅެދުންތެރިކަން ހުންނަ ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަމަށް ބޭނުންވާ ގިނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ހައްލެއް ނުލިބި ގިނަދުވަސްތަކެއްވެ މިކަމަށް އެއްވެސް ހައްލެ ނުލިބި ދިގުލައިގެން ގޮސްފައިވާތީއެވެ.

އަދި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަންކަމަށް ވެސް އެއްވެސް އަމަލީ ސިފައެއް ނުގެނެވި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގާނޫނު އަސާސީ އިން ލިބިދީފައިވާ ހައްގުތައް ގެއްލެމުންދާތީ ކަމަށްވެސް ވާސޯ ޑިސްއެބިލިޓީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު