ދީނީ އިލްމްވެރިޔާ ޑރ.މުހަންމަދު އިޔާޒް އަބުދުލްލަތީފް
ދީނީ އިލްމްވެރިޔާ ޑރ.މުހަންމަދު އިޔާޒް އަބުދުލްލަތީފް
މަސްތުވާތަކެތިން ލިބޭ ފައިދާއަށްވުރެ އެއިން ލިބޭ ގެއްލުން މާބޮޑު ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު އަދި ދީނީ އިލްމްވެރިޔާ ޑރ.މުހަންމަދު އިޔާޒް އަބުދުލްލަތީފް ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް "ބޭސްފަރުވާއަށް" ބޭނުން ކުރުން ޤާނޫނީ ގޮތުން ހުއްދަ ކުރަން ފެންނަ ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހްމީ ރޭ ވަނީ ވިދާޅުވެފައެވެ. ސިއްހީ ބޭނުންތަކަށް ކެނަބިސް ބޭނުން ކުރުމުގެ ހުއްދަ ދިނުމާއި މެދު ޤާނޫނު ހަދާ މަޖިލީހުން ވިސްނަން ޖެހޭ ކަމަށް އޭނާ އަށް ގަބޫލު ކުރެއްވޭ ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޑރ.އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާތް ﷲ ހަރާމް ކުރެއްވި އެއްޗެއް ހަލާލުކޮށް އެކަލާނގެ ހަލާލު ކުރެއްވި އެއްޗެއް ހަރާމްކޮށް ހެދުމަކީ އެއްވެސް މަޚުލޫގަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މާތް ﷲ ހުކުމްތައް ކަނޑައަޅުއްވާފައިވަނީ އިންސާނުންނަށް އެންމެ މަސްލަހަތު ހުރި ގޮތަށް ކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ.

"މަސްތުވާތަކެތިން ލިބޭ ފައިދާ އަށް ވުރެ ލިބޭ ގެއްލުން މާ ބޮޑު." ޑރ.އިޔާޒް ވިދާޅުވިއެވެ.

އޭނާގެ ޓުވީޓްގައި މިކަމަށް ހެކިދޭ ކީރިތި ގުރުއާނުގެ އަހުޒާބު ސޫރަތުގެ އާޔަތެއް ވެސް ވަނީ ހިމަނުއްވާފައެވެ. ޑރ.އިޔާޒް ޓުވީޓްގައި ހިމަނުއްވާފައިވާ ކީރިތި ގުރުއާނުގެ އެ އާޔަތުގައި މާތް ﷲ ވަހީކުރެއްވި ބަސްފުޅުގެ މާނަގައި ވަނީ މިފަދައިންނެވެ.

" މާތް ﷲ އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފި ހިނދު، މުއުމިނު އަންހެނަކަށް ވެސް އަދި މުއުމިނު ފިރިހެނަކަށްވެސް އެއުރެންގެ އެކަމުގައި އެއުރެންނަށް އިޚުތިޔާރު އޮތުމަކީ ނެތް ކަމެކެވެ. މާތް ﷲ އާއި އެކަލާނގެ ރަސޫލާ އަށް އުރެދިއްޖެމީހާ ދަންނާށެވެ! ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެ ކަން ކަށަވަރެވެ."

ކެނަބިސް ސިއްހީ ބޭނުންތަކަށް ބޭނުން ކުރުމުގެ ހުއްދަ ދުނިޔޭގެ 41 ގައުމެއްގައި ދީފައިވީނަމަވެސް އޭގެ ތެރޭގައި އެއްވެސް އިސްލާމީ ގައުމެއް ހިމެނިފައެއް ނުވެއެވެ. އަލްހާން ރޭ ކުރެއްވި ޓްވީޓްގައި ވަނީ ކެނަބިސް އިން ލިބޭ "ފައިދާތައް" ކަމަށް ބުނެ ބައެއް ވާހަކަތައް ލިޔެފައިވާ ލިޔުމެއް ވެސް ޓްވީޓް ކުރަށްވާފައެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ވާގޮތުން ކެނަބިސް ޓްރެފިކް ކުރާ މީހުންނަށް އުމުރު ދުވަހުގެ ޖަލު ޙުކުމަކާއެކު އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ ހުކުމެއް ކަނޑައެޅިފައި ވެއެވެ. ބޭސްފަރުވާ އަށް ކެނަބިސް ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް ފަހު ބައެއް ގައުމުތަކުން ވަނީ ކެނަބިސް އާއްމު ގޮތެއްގައި ބޭނުން ކުރުމުގެ ހުއްދަ ވެސް މިހާރު ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން