ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ޕާކިސްތާން ބަލިކޮށް އިންޑިއާ ތާވަލުގެ އެއްވަނައަށް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ޕާކިސްތާން ބަލިކޮށް އިންޑިއާ ތާވަލުގެ އެއްވަނައަށް
ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި، ފަހަތުން އަރައި 5-3 އިން ޕާކިސްތާން ބަލިކޮށް އިންޑިއާ އިން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފިއެވެ.

މިއަދު ކުޅުނު ފޯރިގަދަ މެޗުގައި ޕާކިސްތާނުން ދެ ގޯލުގެ ލީޑެއް ނަގާފައި ވަނިކޮށް، އިންޑިއާއިން ވަނީ މޮޅު ކުޅުމެއް ދައްކައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އިންޑިއާ މިހާރު ތާވަލުގެ ކުރީގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ.

މިއަދުގެ އެހެން މެޗުތަކަށް ބަލާއިރު، ބަންގްލަދޭޝް އިން ވަނީ 3-0 އިން ނޭޕާލް ބަލިކޮށްފައެވެ. އަދި ބޫޓާނުން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ސްރީ ލަންކާގެ މައްޗަށް ކުރިހޯދާފައެވެ. މި ނަތީޖާތަކާއެކު ބަންގްލަދޭޝް އާއި ޕާކިސްތާން ހަތް ޕޮއިންޓާއެކު ތާވަލުގެ ދެވަނަ އަދި ތިންވަނައިގައި އޮތްއިރު، ބަންގްލަދޭޝް އަތުގައި އަދި އެއް މެޗު އިތުރަށް އެބައޮތެވެ. ބޫޓާން ފަސް ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތްއިރު، ނޭޕާލް އޮތީ ހަތަރު ޕޮއިންޓާއެކު ފަސްވަނައިގައެވެ.

މުބާރާތުގައި ވާދަކުރާ ދިވެހިރާއްޖެއަށް މިއަދަކީ ރެސްޓް ދުވަހެކެވެ. ރާއްޖެ މިވަގުތު އޮތީ ކުޅުނު ތިން މެޗުންވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ތާވަލުގެ އެންމެ ފުލުގައެވެ. ލަންކާ އޮތީ ތިން މެޗުން އެއް ޕޮއިންޓާއެކު ހަވަނައިގައެވެ. ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.

މުބާރާތުގެ މެޗުތައް ދެން އޮންނާނީ އަންނަ ބުދަ ދުވަހުއެވެ. އެ ދުވަހު ރާއްޖެ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. މީގެ އިތުރުން ލަންކާ އާއި ބަންގްލަދޭޝް ބައްދަލުކުރާއިރު، ނޭޕާލް ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.



ކިޔުންތެރިންގެ ހިޔާލު