ރާއްޖެ އަދި ބޫޓާން ބައްދައްލު ކުރި މެޗް
ރާއްޖެ އަދި ބޫޓާން ބައްދައްލު ކުރި މެޗް
ތައިލެންޑުގެ ނޮންތަބުރި ސްޓޭޑިއަމްގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި ރޭ ކުޅުނު މެޗުން ރާއްޖެ އަތުން 4-2 އިން މޮޅުވެ، ބޫޓާނުން ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

މިއީ މި މުބާރާތުގައި ރާއްޖެ ކުޅުނު ހަތަރުވަނަ މެޗަށް ވާއިރު، ކުޅުނު ހަތަރު މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފައެވެ. ނަމަވެސް، މިއީ މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމުން އެއް ގޯލަށް ވުރެ ގިނަ ލަނޑު ޖެހި ފުރަތަމަ މެޗެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފު ފެށިގެން ރާއްޖޭން ބޫޓާންގެ ހާފުގެ ތެރޭގައި އެޓޭކަށް ޖެހިގެން ކުޅުނު ނަމަވެސް، މެޗުގެ ހަވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ބޫޓާނުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕެމާ ކުއަންޒަން އެވެ. އެކަމަކު އޭގެ ހަތަރު މިނިޓް ފަހުން ރާއްޖޭގެ ރާނިޔާ އިބްރާހިމް ވަނީ ހިތްގައިމު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ. ރާއްޖޭން ލަނޑެއް ޖަހާފައިވަނިކޮށް، މެޗުގެ 13 ވަނަ މިނިޓުގައި ޔެޝޭ ބީދާ ޖެހި ލަނޑުން ބޫޓާނުން އަލުން ލީޑު ނެގިއެވެ. ފުރަތަމަ ހާފުގައި ރާއްޖޭގެ ކެޕްޓަން ފާތިމަތު ޝާލިޔާ (ޝާ) އާއި މަރިޔަމް ނޫރާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މެޗުގެ ދެވަނަ ހާފުގައި ބޫޓާނުން ވަނީ އިތުރު ދެ ލަނޑު ޖަހައި ރާއްޖޭގެ މައްޗަށް ޕްރެޝަރު ބޮޑުކޮށްފައެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ ނަމްގްޔެލް ޑޭމާ އާއި ޝެރިން ލާޑެން އެވެ. ރާއްޖޭގެ ދެވަނަ ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ ކެޕްޓަން ޝާ އެވެ. މި ނަތީޖާއާއެކު ބޫޓާން ތިންވަނައިގައި އޮތީ ހަތަރު މެޗުން އަށް ޕޮއިންޓާއެކުގައެވެ. ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓާއެކު ބަންގްލަދޭޝް އޮތްއިރު، ދެވަނައިގައި އޮތް އިންޑިއާއަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.

މުބާރާތުގައި މިއަދު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބަންގްލަދޭޝް އިން ވަނީ 6-3 އިން ސްރީލަންކާ ބަލިކޮށްފައެވެ. އަދި ނޭޕާލުން ޕާކިސްތާން ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ. ތާވަލުގެ ހަތަރުވަނަ އަދި ފަސްވަނައިގައި އޮތް ނޭޕާލާއި ޕާކިސްތާނަށް ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ހަވަނައިގައި އޮތް ލަންކާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ރާއްޖެއަށް ބާކީ އޮތީ ލަންކާ އަދި ބަންގްލަދޭޝްއާ ބައްދަލުކުރާ މެޗުތަކެވެ.



ކިޔުންތެރިންގެ ހިޔާލު