ރާއްޖެއަށް އަދިވެސް މޮޅެއް ނުލިބުނު: ވާދަވެރި މެޗަކަށް ފަހު ލަންކާ އިން ކުރިހޯދައިފި
ރާއްޖެއަށް އަދިވެސް މޮޅެއް ނުލިބުނު: ވާދަވެރި މެޗަކަށް ފަހު ލަންކާ އިން ކުރިހޯދައިފި
ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު ކުޅުނު ފޯރިގަދަ މެޗުން ރާއްޖޭގެ މައްޗަށް 7-6 ގެ ނަތީޖާއަކުން ކުރިހޯދައި ސްރީލަންކާ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ނޮންތަބުރި ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި ކުޅުނު މި މެޗަށް ދެ ޓީމުން ނުކުތްއިރު ވެސް އޮތީ މޮޅެއް ނުލިބިފަ އެވެ. އެހެންކަމުން ދެ ޓީމުން ވެސް ވަރަށް ބޮޑަށް އެޓޭކަށް އިސްކަންދީގެން ކުޅުމުގެ ނަތީޖާއަކީ މުޅި މެޗުގައި ގިނަ ގޯލުތަކެއް ފެނިގެންދިއުމެވެ.

މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭގައި ލަންކާ އިން ވަނީ ތިން ލަނޑުގެ ލީޑެއް ނަގައިފަ އެވެ.

މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ހެޓްރިކް ހެދި އިމޭޝާ އާއި ތަރިދީ އެވެ. ނަމަވެސް، ރާއްޖޭން ވަނީ ހިތްވަރު ދޫނުކޮށް ކުޅުން ރަނގަޅުކޮށް ތިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ރާއްޖޭގެ ފުރަތަމަ ލަނޑު އައިމިނަތު ފަޒްލާ ކާމިޔާބުކުރިއިރު، ދެވަނަ ލަނޑަކީ ލަންކާގެދިލާޝާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ފާތިމަތު ޝާލިޔާ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުނީ ތަރިދީ ޖެހި ގޯލުން ލަންކާ ލީޑުގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ވާދަވެރި ކުޅުމެކެވެ. ރާއްޖޭގެ ފަޒްލާ އަދި ލަންކާގެ ކީޕަރު އަތުން ބައިކޮޅަށް ވަން ގޯލަކުން ރާއްޖޭން ދެ ފަހަރެއްގެ މަތިން ނަތީޖާ ހަމަހަމަކުރި އެވެ. ނަމަވެސް ލަންކާގެ އިމޭޝާ އޭނާގެ ހެޓްރިކް ފުރިހަމަކޮށް އަލުން ލީޑު ނެގި އެވެ. މެޗުގެ ފަހުކޮޅު ރާއްޖޭގެ އައިމިނަތު ނޫރާ އަތުން ބައިކޮޅަށް ގޯލެއް ވަދެ ލަންކާގެ ލީޑު ފުޅާވިއިރު، ރާއްޖޭގެ ރާނިޔާ އިބްރާހިމް ވަނީ ލިބުނު ދުރު ޕެނަލްޓީއަކުން ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. މެޗު ނިމުނީ 7-6 އިން ލަންކާ މޮޅުވެގެންނެވެ.

މި ބައްޔާއެކު ރާއްޖެ މިވަގުތު އޮތީ މުބާރާތުގައި ކުޅުނު ފަސް މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގަ އެވެ. މީގެ ކުރިން ރާއްޖެ ވަނީ އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ބޫޓާން އަތުން ބަލިވެފަ އެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އާދިއްތަ ދުވަހު ނުކުންނާނީ މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތް ބަންގްލަދޭޝްއާ ދެކޮޅަށެވެ.



ކިޔުންތެރިންގެ ހިޔާލު