ފުޓުބޯޅަދަނޑަށް ކުޅިބަލަން ވަންނާނެ މީހަކު ނުވާއިރު، ލޯނުނަގައިގެން ކްރިކެޓް ސްޓޭޑިއަމެއް ހެދުމުގެ އެއްވެސް ބޭނުމެއް ނެތްކަމުގައި މަޝްހޫރު ވިޔަފާރި ވެރިޔާ އަހުމަދު އާރިފް (އެޕޯލޯ އާއްޓެ) ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ލޯން އެހީއާއިއެކު ހުޅުމާލޭގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކްރިކެޓް ސްޓޭޑިއަމަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހުޅުމާލޭގައި އަޅާ 22،000 މީހުންގެ ޖާގައިގެ ބޮޑު ކްރިކެޓު ސްޓޭޑިއަމެކެވެ.

ކްރިކެޓު ސްޑޭޑިއަމެއް އެޅުމަކީ ހުޅުމާލޭގެ ތަރައްޤީގެ ޕްލޭންގައިވެސް ހިމެނިފައިވާ މަޝްރޫޢެއް ނޫނެވެ. ހުޅުމާލޭގައި ކުރިން ރާވާފައި އޮތީ ފުޓުބޯޅަ ސްޓޭޑިއަމެއް އަޅާށެވެ. އަދި އެ މަސައްކަތަށް ފަންޑުކުރަން ހަމަޖެހިފައި އޮތީ ގަތަރުންނެވެ.

ހުޅުމާލޭގައި އަޅާ ސްޓޭޑިއަމާއި ގުޅޭގޮތުން މަޝްހޫރު ވިޔަފާރިވެރިޔާ އާރިފް ވިދާޅުވީ ރާއްޖޭގައި އެންމެ މަގުބޫލު ކުޅިވަރު ކަމުގައިވާ ފުޓުބޯޅަ ބަލާނެ ބަޔަކު ނެތްއިރު ބޮޑެތި ލޯނު ނަގައިގެން ކްރިކެޓް ސްޓޭޑިއަމެއް އަޅަން އުޅޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ. ޤައުމުގެ އިޤްތިޞާދު މިހާރު އޮތްހާލަތުން އަރައިގަތުމަށް މިފަދަ ބޭކާރުކަންކަން ކުރުމަށްވުރެ ރައްޔިތުންނާއި ގައުމަށް ފައިދާހުރި ކަންކަން ކުރުން މާ ރަނގަޅު ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ފުޓުބޯޅަވެސް މުސާރަ ނުދީ ކުޅުންތެރިން ކުލަބް ތަކުގައި ގެންގުޅެނީ. ސްޓޭޑިޔަމް ފުރާލެވޭ ވަރުވެސް ނުވޭ. މިހާ ނާޒުކު ހާލަތެއްގައި އޮތްއިރު މީހުންނަށް ބީރައްޓެހި ކްރިކެޓް އަށް ސްޓޭޑިޔަމެއް ލޯނު ނަގައިގެން އެޅުމަކީ މަކުނު ވާފުރާ ކޮތަރު ބިސްއަޅާ ހާލި ހަދާނެ ތަނަކަށް ވުންގާތް." އާރިފް ވިދާޅުވި އެވެ.

އިންޑިއާއިން ލޯނު ދީގެން އަޅާ ސްޓޭޑިއަމާއި ގުޅޭގޮތުން ޔޫތު މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ކްރިކެޓް ކުރިއަރުވާ ރާއްޖެއަށް ގިނަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކްރިކެޓްގެ އިންޑިއާއާއެކު ވަރަށް ގާތްކޮށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އިންޑިއާގެ އެހީއާއެކު ސްޓޭޑިއަމް އެޅުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މިހާރު އެކަމަށް ބިމެއް ކަނޑައަޅާ ކުރެހުމުގެ މަސައްކަތްތައް ނިމިފައިވާކަމަށެވެ. އަދި މި ސްޓޭޑިއަމް އެޅުމުގެ އެންމެ ބޮޑު މަގުސަދަކީ އޭޝިއާ ކަޕްގައި ރާއްޖެއިން ވާދަކުރުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ހެދުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު ކްރިކެޓު ކުޅުމަށް ބޭނުންކުރާ އެކުވެނި ދަނޑު، އާންމުން ބޭނުންކުރާތީ ކްރިކެޓު ކުޅުމަށް ދަތިތައް ކުރިމަތިވާކަމަށް ތަކުރާރުކޮށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ދަނީ ބުނަމުންނެވެ. އެ ޝަކުވަތަކާއި ގުޅިގެން، ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅާ ވާހަކައެއް މިދިޔަ ސަރުކާރުގެ ދުވަސްވަރު ދެކެވުނެވެ.

ވަސީލަތްތަކުގެ ދަތިތަކާއެކު ވެސް، ދިވެހި ގައުމީ ކްރިކެޓު ޓީމުން ވަނީ ގިނަ ކާމީޔާބީތަކެއް ހޯދައިފަ އެވެ. ރާއްޖޭން ވަނީ އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) ގެ މުބާރާތްތަކުގައި ވާދަކޮށް 2005، 2006 އަދި 2010 ވަނަ އަހަރު އިމާޖިން ނޭޝަންސް ކްރިކެޓް މުބާރާތް ކާމިޔާބުކޮށް ސަރަހައްދީ ލެވެލްގައި ރަނގަޅު ހިސާބަކަށް ގޮސްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން