ޖަލުގައި ހައްޔަރުކޮށްފައި ހުރި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އަބްދުލް ގެއަށް ބަދަލުކޮށްފި އެވެ.

ކަރެކްޝަންގެ މީޑިޔާ އޮފިސާ ވިދާޅުވީ އަދީބެ ގެއަށް ބަދަލުކޮށްފައިވަނީ ކޯޓުގެ ހުއްދައާއިއެކު އޭނާގެ ބަލި ހާލަތު ހުރިގޮތުންކަމަށެވެ. ނަމަވެސް މިކަމުގެ ތަފްސީލެއް އޭނާ ދެއްވާފައެއް ނުވެއެވެ.

އަދީބު ޖަލުގައި ހައްޔަރު ކުރީ އޭނާގެ މައްޗަށް އުފުލި ހަތް ދަޢުވާ ދަށުކޯޓުން ބާތިލުކުރުމުން މުޅިން މިނިވަން ވެފައި ހުއްޓާ ޕީޖީން އެދިގެން ހައިކޯޓުންނެވެ. އެއްވެސް ކުށެއް ސާބިތުވެފައި ނުވި ނަމަވެސް އޭނާ ހައްޔަރުކުރީ އޭނާ ފިލައިގެން ހިނގައިދާނެ ކަމަށް ޕީޖީއަށް ޝައްކު ކުރެވޭތީ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް އަދީބު ވަނީ އިއުތިރާފުވެޑައިގެންފައެވެ. އަދީބު ޝަރީއަތުގެ މަޖިލީހުގައި ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅޭ ތަފްސީލުތައް ވިދާޅުވެދެއްވާފައެވެ. އަދި ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން އޭރުގެ ސަރުކާރުން ގުޅިގެން ހިންގި ޖަރިމާއެއްކަމަށް ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ވަނީ ތުހުމަތުކުރައްވައިފައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް އުފުލާފައި ވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ. ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ހުރިހާ ދައުވާ ތަކަށް އަދީބު ވަނީ އިއުތިރާފުވެވަޑައިގެންފައެވެ.

އަދީބާއި އެކު ހަދާފައިވާ އިއުތިރާފު އެއްބެސްވުމުގެ ދަށުން ހިޔާނާތުގެ ކުށުގެ ދައުވާގެ ތެރެއިން ފުރަތަމަ ދައުވާގައި އަދީބުގެ މައްޗަށް އަންނާނީ 4 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ހިޔާނާތުގެ އަނެއް ދައުވާގައި އަންނާނީ 2 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ނާޖައިޒު ފައިދާ ހޯދާދިނުމުގެ ކުށުގެ ދައުވާގެ އަދަބެއްގެ ގޮތުން އަންނާނީ 5 އަހަރަށް ޖަލަށް ލުމާއި އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި މަޤާމު ނުފޫޒުން ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އަދަބަކީ 6 މަހަށް ޖަލަށްލުމެވެ. މަނީ ލޯންޑަރކުރުމުގެ ކުށުގެ ކޮންމެ ދައުވާއަކަށް އަދަބެއްގެ ގޮތުގައި ކަނޑައާފައިވަނީ 5 އަހަރުގެ ޖަލު ހުކުމެކެވެ. ރަަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި އަދަބަކީ 6 މަހަށް ޖަލަށްލުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން