އައްޑޫއާއި ހުވަދު އަތޮޅާއި ދެމެދު ސީ ޕްލޭން ޚިދުމަތް ދިނުމާއި މެދު އެއްބަސްވުމުގައި ސޮއި ކުރެއްވުން
އައްޑޫއާއި ހުވަދު އަތޮޅާއި ދެމެދު ސީ ޕްލޭން ޚިދުމަތް ދިނުމާއި މެދު އެއްބަސްވުމުގައި ސޮއި ކުރެއްވުން
އައްޑޫ ސިޓީއާއި ހުވަދު އަތޮޅާ ދެމެދު ސީ ޕްލޭންގެ ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން އެކަމާގުޅޭ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑާއި އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއާ ދެމެދު ސޮއިކޮށްފައިވަނީ މިއަދު މެންދުރު އައްޑޫ ސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މިއަދު އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް ޚިދުމަތް ފަށަން 45 ދުވަސްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެން ނަމަވެސް މިއަދުން ފެށިގެން ޚިދުމަތް ފެށުމަށް ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިކޮންމިކް މިނިސްޓްރީއިން ބުނީ އައްޑޫ ސިޓީއާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާ ދެމެދު ގަވައިދުން ކޮންމެ ދުވަހަކު ވައިގެ ދަތުރުތައް ބޭއްވުމާ ގުޅޭގޮތުން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީއަށް އަންނަ ފަތުރުވެރިން އިތުރު ކުރުމަށް ވަރަށް ބޮޑު ބާރަކަށް އެކަން ވެގެން ދާނެ ކަމަށާއި އަދި އައްޑޫއާއި ފުވައްމުލަކާއި ހުވަދު އަތޮޅާ ދޭތެރޭގައި ރައްޔިތުން ދަތުރުފަތުރުކޮށް ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް އިކޮންމިކް މިނިސްޓްރީ އިން ހާމަކުރެއެވެ.

އެރަސްމިއްޔާތުގައި މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއީލާއި މިނިސްޓާ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމާއި އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގެ ބައެއް ދާއިރާތައް ތަމްސީލު ކުރަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އައްޑޫ ސިޓީ ކައުންސިލުގެ ބައެއް މެންބަރުން  ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން