ޔޫތް މިނިސްޓްރީ އިން އަޅާފައިވާ ޓާފް ދަނޑެއް: މަރަދޫގައި ފުޓްބޯޅަ ދަނޑެއް ނެތުމުން އެރަށު ރައްޔިތުން ޝަކުވާކުރޭ
ޔޫތް މިނިސްޓްރީ އިން އަޅާފައިވާ ޓާފް ދަނޑެއް: މަރަދޫގައި ފުޓްބޯޅަ ދަނޑެއް ނެތުމުން އެރަށު ރައްޔިތުން ޝަކުވާކުރޭ
އައްޑުއަތޮޅު މަރަދޫގައި ފުޓްބޯޅަ ދަނޑެއް ނެތުމުން އާންމުން ޝަކުވާ ކުރަން ފަށައިފިއެވެ.

އައްޑޫ އަތޮޅު މަރަދޫގެ ރައްޔިތަކު މިއަދު ވަނީ ފުޓްބޯޅަ ދަނޑެއް ނެތުމުން އެކަމުގެ ކަންބޮޑުވުންތައް ޓުވީޓާގައި ހިއްސާކޮށްފައެވެ. މަރަދޫ ރައްޔިތަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މަރަދޫ އަކީ ކުޅިވަރުގެ ފޯރި ވަރަށް ގަދަ ރަށެއް ކަމަށެވެ. މަރަދޫގައި ފުޓްބޯޅަ ދަނޑެއް ނެތި އެކަމަށް އެދި ސަރުކާރުގައި އާދޭސް ކުރާތާ މިހާރު އެތަށް އަހަރެއް ވެފައިވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

"އެމްޑީޕީ އަށް 70 ޕަސެންޓް ވޯޓް ދިނީމަ އެކަމަށްވެސް އިހުތިރާމް ކުރުމެއް ނެތި، ވަށައިގެންވާ ތަންތަނުގައި ދަނޑު އަޅާ ނިމޭއިރު މި ތިބެންޖެހޭނީ ބަލަން." ރައީސް ސޯލިހާއި މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ޓެގްކޮށް އޭނާ ކުރި ޓުވީޓްގައި ބުނެފައިވެއެވެ.

އޭނާ ބުނީ، ޔޫތް މިނިސްޓަރު އަހުމަދު މަޚުލޫފް ކުރެއްވި އިއުލާނުގައި އައްޑޫގައި ގޮތެއް ނުނިމި ހުރި ދަނޑުތައް ހުރި ކަމަށް ވިދާޅުވެފައިިވާ ކަމަށެވެ.

"އަވަސްކުރަށްވާ އެ ދަނޑުތައް މަރަދޫ އަށް އިއުލާންކޮށްދެއްވާ." ޔޫތް މިނިސްޓަރު މަހްލޫފް ޓެގްކޮށް އޭނާ އެދިފައިވެއެވެ.

މިސަރުކާރުގެ ފަސްއަހަރު ތެރޭގައި 100 ފުޓުބޯޅަ ދަނޑު އެޅުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. މިއަހަރު ނިމުމުގެ ކުރިން ޖުމްލަ 15 ރަށެއްގެ ޓާފް ދަނޑުތަކުގެ މަސައްކަތް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާފް ބޮޑު ފުޓުބޯޅަ ދަނޑުތަކުގެ ތެރެއިން 13 ރަށެއްގެ ދަނޑުގައި ޓާފް އެޅުމަށް ދާދިފަހުން ވަނީ ސޮއިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން