އަރަބިއަން ކަނޑު ހިމެނޭ ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ބޮޑު ޑްރަގް ނެޓްވޯކެއް މިއަދު އަތުލައިގެންފައިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ބުނެފިއެވެ.

ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސް އާއި ކަމާގުޅޭ ސަރަހައްދީ އެކި ސަލާމަތީ ބާރުތަކާ ގުޅިގެން ދިވެހި ރާއްޖެހިމެނޭ ކަނޑުގެ ސަރަހައްދުގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި އެކި ގައުމުތަކަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ 3 މީހަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު ހައްޔަރު ކޮށްފައިވާކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސްގެ ތަރުޖަމާނާއި ހަވާލާދީ މީޑިއާތަކުން ބުނެފައިވާގޮތުގައި މިމަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބު ވެފަ ވަނީ އެންޓި ނާކޮޓިކްސް ފޯސްގެ އިންޓެލިޖެންސް ޑިޕާޓްމެންޓްގެ ހުޝިޔާރު ކަމުންނެވެ.

ދިވެހި ރާއްޖޭގެ އައްޑޫގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށް ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. ކުރިއަށް ގެންދާ ޚާއްޞަ އޮޕަރޭޝަނާއި ބެހޭގޮތުން ކޮމިޝަނާ އޮފް ޕޮލިސް ކުރެއްވި ޓުވީޓްގައި ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް އައްޑޫ ސިޓީގައި ފުލުހުން ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންދާ ކަމަށާއި، މި އޮޕަރޭޝަނުގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ނަމަވެސް ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސް އާއި ސަރަހައްދީ އެކި ސަލާމަތީ ބާރުތަކާ ގުޅިގެން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގި ބޮޑު އޮޕަރޭޝަނުގައި ދިވެހި ފުލުހުންނާއި ސިފައިން އެއްވެސް ވަރަކަށް ބައިވެރިވެފައިވާ ކަމުގެ މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އެނގިފައިވާ ގޮތުގައި މިއަދު އައްޑޫއިން އަތުލައިގަތް ކަމަށް ފުލުހުން ބުނާ ޑްރަގް އަތުލައިގެންފައި ވަނީ ކަނޑުގެ ސަރަހައްދުންނެވެ.

މި އޮޕަރޭޝަންގައި ފުލުހުން ހައްޔަރު ކުރި ޑްރަގް ޑީލަރާއެކު ގައުމީ ފުޓްބޯޅަ ޓިމަށް ކުޅެފައިވާ މަޝްހޫރު ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ވެސް ވަނީ ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކަމަށް ހައްޔަރު ކޮށްފައިވަނީ ފުލުހުން އެތައް ފަހަރަކު ހައްޔަރުކޮށްފައިވާ އިބްރާހީމް ރަޝީދު (އަބްޗާ) ކަމަށް އެނގިފައި ވެއެވެ. އޭނާއަކީ ބޮޑެތި ތުހުމަތު ތަކުގައި ހައްޔަރު ކުރި ނަމަވެސް ވަރަށް ފަސޭހައިން "އަނެއް ދޮރުން" ނުކުމެ މިނިވަން ކަމާއެކު އުޅެމުންދާ މީހެކެވެ. ފުލުހުންގެ ރެކޯޑްތައް ދައްކާ ގޮތުން އޭނާގެ ކުށުގެ ރެކޯޑްގައި މަސްތުވާތަކެތީގެ އެތަސް މައްސަލަ ތަކަކާއި މާރާމާރީއާއި ބަދުއަޚްލާގީ މައްސަލަތަކާއި އަމުރަށް ނުކިޔަމަންތެރިވުން ފަދަ ބޮޑެތި މައްސަލަތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން