އެއް މަސްދުވަހަށްފަހު މާލޭގެ ސްކޫލްތައް ހުޅުވައި މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފިއެވެ. މިއަދު މާލެ ސިޓީގެ ސްކޫލްތައް ހުޅުވައި ކިޔަވައިދޭން ފަށާފައިވަނީ ގްރޭޑް 9 އިން 12 ގެ ދަރިވަރުންނަށެވެ.

ކޮވިޑް-19ގެ މި ހާލަތަށް ރިއާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތީން، މިއަދު މާލޭސިޓީގެ ސްކޫލްތަކުގައި ކީ ސްޓޭޖް ހަތަރަކާއި ފަހެއްގެ (ގްރޭޑް 9-12އަށް) ދަރިވަރުންގެ ކިޔެވުން ފަށާފައިވާއިރު މީގެ ކުރިން މާލެ ސިޓީގެ ދަރިވަރުންނަށް ކިޔަވައިދެމުން އައިސްފައިވަނީ އޮންލައިންކޮށްނަމަވެސް އޭލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން އެދަރިވަރުން ބައެއް ގަޑިތަކުގައި ސްކޫލަށް ގެންގޮސްގެން ވަނީ ކިޔަވާދީފައެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލައި ކުދިންނަށް ކިޔަވައި ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ ޓެލިކިލާސް މެދުވެރިކޮށް އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ. ނަމަވެސް، ޖުލައި މަހު، މާލެ ސަރަހައްދުގެ ސްކޫލުތައް ފިޔަވައި އެހެން ހުރިހާ ރަށްތަކުގެ ސްކޫލުތަކުގައި ގްރޭޑް 1 އިން ގްރޭޑް 12 އަށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އަދި މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ގްރޭޑް 9 އިން ގްރޭޑް 12ގެ ދަރިވަރުންނަށް ކިޔަވައިދޭންެފަށާފައިވެއެވެ.

މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުންނަށް ކިޔަވައިދޭން ފެށިނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން އިތުރުވެފައި ވާތީވެ، ފަހުން މާލޭގެ ސްކޫލްތައް ވަގުތީ ގޮތުން ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދެވުނެވެ. އެންމެ ފަހުން މާލެ ސިޓީގެ ސްކޫލުތައް އިތުރު 2 ހަފުތާއަށް ބަންދު ކޮށްފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން