ކުރީގެ ދިފާއީ ވަޒީރު މާރިޔާ އަޙްމަދު ދީދީ
ކުރީގެ ދިފާއީ ވަޒީރު މާރިޔާ އަޙްމަދު ދީދީ
ޤައުމު މިއޮތީ މާލީ ކާރިސާއެއްގެ ތުންފަތް މަތީގައި ކަމަށާއި، ސިޔާސީ ފިކުރަށްވުރެ ގައުމީ މަޞްލަޙަތު އިސްކުރަންވީ ވަގުތު ޖެހިފައިވާ ކަމަށް ކުރީގެ ދިފާއީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ، ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ސަރުކާރުން 17 އިންސައްތަ އިންޓްރެސްޓްގައި ލޯނު ނަގަމުންދާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވުމާއި، ރައީސް މުޢިއްޒަށް އިތުރަށް ފައިސާ ޗާޕުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ޕެންޝަން އޮތޯރިޓީން 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް ދޫކުރުމަކީ އިޤްތިޞާދަށް ނުރައްކާތެރި ކަމެއް ކަމަށް ބުނެ އެ އޮތޯރިޓީގެ ޗެއާމަން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެކަންކަމާއި ގުޅިގެން މާރިޔާ މިއަދު މީސްމީޑިއާގައި ވިދާޅުވީ، ރައީސް ޔާމީންގެ ވާހަކަފުޅާއި، އިނާޒްގެ އިސްތިއުފާއާ އެކު، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތް ނާޒުކު ހިސާބު މިއަދު އޮޅުވާލެވެން ނެތް ކަމަށެވެ. އަދި މިއީ ޤައުމީ ކާރިސާއެއް ކަމަށް މާރިޔާ ވިދާޅުވެފައިވެއެވެ.

"މިއީ ހަމައެކަނި އެއް ޕާޓީއަކަށް ނުވަތަ އެއް ސަރުކާރަކަށް އެކަނި ހައްލުކުރެވޭނެ މައްސަލައެއް ނޫނެވެ. މިއީ 2028 ވަނަ އަހަރުގެ އިންތިޚާބަށްފަހު ވެސް ދިގު މުއްދަތަކަށް ގައުމަށް އޭގެ ބުރަ އުފުލަންޖެހޭނެ ގައުމީ ބޮޑު ކާރިސާއެކެވެ." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، މިކަންކަން އިތުރަށް ގޯސްވެފައިވަނީ، ރައީސް މުޢިއްޒު ޤާނޫނުއަސާސީއަށް ގެންނެވި އިޞްލާޙުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޒިންމާދާރު ކުރުވުމުގެ ދައުރު ހަނިވެ، ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުހިންމު ރައްކާތެރިކަމުގެ ނިޒާމަށް ބުރޫއެރުމުން ކަމަށެވެ.

އަދި މި ނާޒުކު ދަނޑިވަޅުގައި، އިޚްލާޞްތެރިކަމާއެކު މި ކާރިސާއާ ކުރިމަތިލުމަށާއި، ހައްލުތައް ހޯދުމުގައި ގައުމީ ފެންވަރުގައި އެންމެން އެއްބަސްވާ މަގަކަށް ދިއުމަށްޓަކައި، ހުރިހާ ސިޔާސީ ޕާޓީތަކަކާއެކު މަޝްވަރާތައް ބޭއްވުމަށް ރައީސް މުޢިއްޒަށް މާރިޔާ ވަނީ އިލްތިމާސް ކުރަށްވާފައެވެ.

"އެކަން އެގޮތަށް ނުވެއްޖެ ނަމަ، އިދިކޮޅު ޕާޓީތަކުން ސިޔާސީ ފިކުރުތަކަށްވުރެ ގައުމީ މަޞްލަޙަތު އިސްކޮށް، ގައުމުގެ ދަރަނީގެ މި ބޮޑު ކާރިސާއިން ސަލާމަތްވުމަށްޓަކައި ޒިންމާދާރު ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމަކީ މަޖުބޫރު ކަމެކެވެ." މާރިޔާ ވިދާޅުވެފައިވެއެވެ.

މާރިޔާ މިހެން ވިދާޅުވެފައިވާއިރު، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމުން މިއަދު އިސްތިއުފާ ދެއްވަމުން އިނާޒް ވިދާޅުވީ، ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ދަނޑިވަޅެއްގައި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި ކުރެވުނު ގިނަގުނަ މަޝްވަރާތަކުން ވެސް ދެމެހެއްޓެނިވި ހައްލެއް ހޯދިފައި ނުވާ ކަމަށެވެ.

އަދި އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް ޓެކްނިކަލީ ގަބޫލްކުރެވޭތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު ގެ ޗެއާރޕާސަން ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވާ ކަމަށްވެސް އިނާޒް ވިދާޅުވެފައިވެއެވެ.

ފައިސާ ޗާޕްކުރާތީ އިނާޒް މިއަދު މަޤާމުން އިސްތިއުފާ ދެއްވާފައިވާއިރު، މިދިޔަ އޮކްޓޫބަރު މަހު ޕެންޝަން އޮފީހުގެ ބޯޑުން ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފަ އެވެ. އެއީ، ޕެންޝަން އޮފީހާއި ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. އެއީ ފައިސާ ޗާޕުކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް ސަރުކާރުން މީގެކުރިން ވަނީ އެކަން ދޮގު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު