މި ފަހަކުން ފެންމަތިވި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ރަސްމީ ލިޔެކިޔުންތަކާ ގުޅިގެން، 7 ފެބްރުއަރީ 2012 ގައި ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތާ މެދު ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ މައްޗަށް ދަޢުވާކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ގޮވާލައްވައިފިއެވެ.

މޫސަ ވިދާޅުވީ، އެދުވަހު ރާއްޖޭގެ ޤާނޫނީ ވެރިކަން ބަދަލުކޮށްލީ ބަޣާވާތަކުން ކަމަށް އަބަދުވެސް ބުނަމުން އައި ނަމަވެސް، އެކަމުގައި ބައިވެރިވި ފަރާތްތަކުން އެކަން ފޮރުވައި ބައިނަލްއަޤުވާމީ މުޖުތަމައަށް އޮޅުވާލާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މޫސަ ވިދާޅުވީ، ވަހީދުގެ ވެރިކަމުގައި ދިވެހި ދައުލަތުގެ ސިއްރުތަކެއް ހާމަކޮށްފައިވާކަން އެމެރިކާގެ ލިޔެކިޔުންތަކުން މިހާރު ހާމަވެފައިވާ ކަމަށެވެ. އަދި ބަޣާވާތުގެ ބައިވެރިން ރައްޔިތުންނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު ހިމޭނުން ތިއްބާ މި ފެނުނު ހެކިތަކަކީ މުހިންމު ހެކިތަކެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޤާނޫނުއަސާސީގެ ހަމަތަކަށް ރިޢާޔަތްކުރާއިރު، ދައުލަތުގެ ބާރުތައް ބަޣާވާތަކުން ފޭރިގަތް ކަމުގެ ދަޢުވާ މުހައްމަދު ވަހީދު ހަސަން މަނިކުގެ މައްޗަށް އުފުލުމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް ޤާނޫނުއަސާސީން ލާޒިމްކުރާ ކަމެއް ކަމަށް ދެކޭ ކަމަށްވެސް މޫސަގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. މި މައްސަލައަކީ އިންސާފު ގާއިމުކުރުމަށްޓަކައި ބަލަންޖެހޭ މުހިންމު މައްސަލައެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު