ޢުމްރާ ގްރޫޕްތައް މެދުވެރިކޮށް ރަމަޟާން މަހު ދަތުރުކުރާ ޢުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް މިއަހަރު ވެސް ބޭންކް އޮފް މޯލްޑިވްސްއިން ހަމަޖައްސައިފިއެވެ.

މިގޮތުން ޑޮލަރު ވިއްކުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަމީނީމަގުގައި ހުންނަ ބީއެމްއެލް ކަސްޓަމަރ ސަރވިސް ސެންޓަރ ގްރައުންޑް ފްލޯއިންނެވެ. މި ޚިދުމަތް ލިބިގަތުމަށް ކަސްޓަމަރ ސަރވިސް ސެންޓަރުން ނަމްބަރު ނެގޭނެއެވެ.

މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 8 އިން 26 ފެބްރުވަރީ 2026 ގެ ނިޔަލަށް ބޭންކު ހުޅުވާ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ.

ޢުމްރާވެރިންނަށް ވީހާވެސް ފުރިހަމައަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ބޭނުންވާކަމަށް ފާހަގަކޮށް ކަސްޓަމަރުން ސަމާލުކަން ދޭން މުހިންނު ކަންކަން ބީއެމްއެލް އިން ފާހަގަކޮށްފައިވެއެވެ. އެގޮތުން ބޭންކުން ޑޮލަރު ވިއްކާނީ ޢުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ ޢުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށާއި، ޑޮލަރު ގަންނަ ވަގުތު ކޮންމެ ޢުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްގެ އަސްލު ހުށަހަޅަންވާނެކަމަށް ބީއެމްއެލްއިން އިލްތިމާސްކޮށްފައިއެވެ.

މީގެ އިތުރުން، ޢުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަނަމަ، އެފަރާތެއްގެ އައިޑީ ކާޑުގެ އަސްލު ވެސް ހުށަހަޅަންވާނެކަމަށާއި

ކޮންމެ ޢުމްރާވެރިއަކަށްވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރުކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ. އަދި ކޮންމެ އުމްރާވެރިއަކަށްވެސް ޖުމްލަ 5 ޢުމްރާވެރިންނަށް ޑޮލަރު ގަނެވޭނެއިރު، ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑަކުންނެވެ.

އެހެނިހެން ޢުމްރާވެރިންނަށް ޔޫއެސްޑީ ބުކިންގ ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުޢާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ހޯލުން ޑޮލަރު ނެގޭނެކަމަށްވެސް ބީއެމްއެލް އިން ބުނެފައިވެއެވެ.

މިހާއްސަ ލުއިތަކާއިއެކު، 8 އިން 26 ފެބްރުވަރީ 2026 އަށް ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުން ޢުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް މެދުކަނޑާލެވޭނެކަމަށް ބީއެމްއެލް އިން ހާމަކޮށްފައިވެއެވެ. ނަމަވެސް، އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ބްރާންޗްތަކުން ޑޮލަރު ގަތުމުގެ ޚިދުމަތް ލިބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު