ޓޮޓެންހަމްގެ ހެރީ ކޭން (މ)
ޓޮޓެންހަމްގެ ހެރީ ކޭން (މ)
އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ކާމިޔާބު މެންޗެސްޓަރ ޔުނައިޓެޑް ކޮޅަށް ޓޮޓެންހަމް ހޮޓްސްޕަރސް ލަނޑު ގޯންޏެއް ޖަހައިފިއެވެ.

މެންޗެސްޓާ ޔުނައިޓެޑް އަތުން 6-1 އިން ޓޮޓެންހަމް ހޮޓްސްޕަރސް މޮޅުވި މި މެޗުގެ ބޮޑުބައި ޔުނައިޓެޑުން ކުޅެފައިވަނީ 10 ކުޅުންތެރިންނާ އެކުގައެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުގައި ދެ ވަނަ މިނިޓްގައި ޔުނައިޓެޑުން ލީޑުނެގީ ބްރޫނޯ ފެނާންޑޭސް ވައްދާލި ޕެނަލްޓީންނެވެ. މިއީ ޔުނައިޓެޑްގެ އެންތަނީ މާޝިއަލް އަށް އޭރިއާތެރެއިން ޓޮޓެންހަމްގެ ޑެވިންސަން ސަންޗޭޒް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ނަމަވެސް ޔުނައިޓެޑުން ލީޑުނެގިތާ ފަސް މިނިޓް ތެރޭ ޓޮޓެންހަމް އިން ވަނީ ނަތީޖާ އަނބުރާލައިފަ އެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ހެދި ގޯހެއްގެ ފައިދާނަގައި ޓޮޓެންހަމަށް އެއްވަރުކޮށްދިނީ ޓަންގުއީ އެންޑޮމްބެލޭ އެވެ. އޭގެ ތިން މިނިޓް ފަހުން ހެރީ ކޭން ދިން ބޯޅަ އަކުން ޓޮޓެންހަމްގެ ލީޑުފުޅާކޮށްދިނީ ސޮން ހެއުން މިން އެވެ.

މެޗުގައި ޔުނައިޓެޑަށް އެންމެ ބޮޑަށް މައްސަލަ ދިމާވީ މެޗުގެ 27 ވަނަ މިނިޓްގައި މާޝިއަލް އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ޔުނައިޓެޑުން އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ޓޮޓެންހަމުން ވަނީ ފުރަތަމަ ހާފުގައި އިތުރު ދެ ގޯލު ޖަހައިފަ އެވެ. ސޮން ދިން ބޯޅައަކުން ކޭން ޓޮޓެންހަމްގެ ތިން ވަނަ ގޯލު ޖެހިއިރު، ސޮން ވަނީ މެޗުގެ 37 ވަނަ މިނިޓްގައި ހަތަރު ވަނަ ލަނޑެއް އެ ޓީމަށް ކާމިޔާުބުކޮށްދީފަ އެވެ.

ދެ ވަނަ ހާފްގައި ޓޮޓެންހަމްގެ ފަސް ވަނަ ގޯލު ޖެހީ ސާޖް އޯރިއޭ އެވެ. ޓޮޓެންހަމްގެ ފަހު ގޯލު ޖެހީ ޕެނަލްޓީ އަކުން ކޭން އެވެ. މިއީ ޓޮޓެންހަމްގެ ބެން ޑޭވިސް އަށް ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މިއީ ޕްރިމިއާ ލީގުގައި ޔުނައިޓެޑް ކޮޅަށް އެއް މެޗެއްގައި ހަ ގޯލު ވަން ތިން ވަނަ ފަހަރެވެ. މީގެ ކުރިން ޔުނައިޓެޑް ކޮޅަށް ހަ ގޯލު ޖެހީ 2011 ވަނަ އަހަރު މެންޗެސްޓާ ސިޓީ އާއި 1996 ވަނަ އަހަރު ސައުތެމްޓަން އެވެ. އަދި މިއީ 2018 ވަނަ އަހަރުގެ ފަހުކޮޅު ޔުނައިޓެޑްގެ ކޯޗުކަމާ ސޯލްޝެއާ ހަވާލުވި ފަހުން އެ ޓީމު އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ. ޓޮޓެންހަމް ކޯޗަކަށް މި ވަގުތު ހުރީ ސޯލްޝެއާ ގެންނަން ޔުނައިޓެޑުން ވަކިކުރި ކޯޗު ހޯސޭ މޮރީނިއޯ އެވެ. މިއީ ޓޮޓެންހަމާ ހަވާލުވި ފަހުން މޮރީނިއޯ ޔުނައިޓެޑް އަތުން ހޯދި ފުރަތަަމަ މޮޅެވެ. ޓޮޓެންހަމް ކޯޗު މޮރީނިއޯ ބުނީ މިއީ ޓޮޓެންހަމަށް ތާރީހީ މޮޅެއް ކަމަށާއި މި މެޗުން އޭނާ އަށް މާ ބޮޑު ހާއްސަ ކަމެއް ނެތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން