އަހުމަދު މަސްނޫމް   5 އޮކްޓޯބަރު 2020 - 15:16
ދިރިއުޅުމުގައި ލިބޭ ކާމިޔާބީގެ ފަހަތުގައި މުދައްރިސުންގެ ދައުރު ވަރަށް ބޮޑު ކަމަށާއި، އެބޭފުޅުންގެ މަސައްކަތްތަކަކީ ޝުކުރުވެރިކަމާއެކު ބަލައިގަންނަންޖެހޭ މަސައްކަތްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ދިރިއުޅުމަށް ހެޔޮބަދަލުތަކެއް ގެނައުމަށް ކުރާ މަސައްކަތުގައި ބެލެނިވެރިންގެ އިތުރުން ދެން އެންމެ ހެޔޮ އަސަރުތަކެއް ގެނުވާ ބަޔަކީ މުދައްރިސުންކަމަށާއި، މުދައްރިސުންގެޚިދުމަތާއެކު ދިރިއުޅުން އުޖާލާވެގެންދާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ، އެމަނިކުފާނުގެ މުދައްރިސުންނަށާއި، ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ، ދުވަހުގެ ހެޔޮ އެދުމާއި ތަޙުނިޔާ ފޮނުއްވާފައެވެ. އަދި ޤައުމުގެ އަންނަން އޮތް ޖީލު ބިނާކުރެއްވުމުގައި މުދައްރިސުން ކުރައްވާ މަސައްކަތް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މުދައްރިސުންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޯބަރުމަހުގެ 5 ވަނަ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1994 ވަނަ އަހަރުން ފެށިގެންނެވެ. މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރެއްގެގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ "ޓީޗާރސް - ލީޑިންގ އިން ކްރައިސިސް، ރީ-އިމޭޖިނިންގ ދަ ފިއުޗަރ"އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން