މިހާރު ވެރިކަންކުރާ ޕީއެންސީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ގާތަށް ދާންނުޖެހޭނެ ގޮތްތައް ހޯދުމަށް ގާނޫނުތަކަށް ބަދަލުތައް ގެނެސް، ދިގުދެމިގެންވާ ވެރިކަމެއް ކުރުމަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބުނެފިއެވެ. އެމްޑީޕީން މިހެން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލައި، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީޚެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު، ވެރިކަންކުރާ ޕާޓީގެ ސުޕަ މެޖޯރިޓީއާއެކު މިއަދު މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

މި އިސްލާހާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން އެމްޑީޕީގެ ފަސް މެންބަރަކު ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައެވެ.

އެމްޑީޕީގެ މެންބަރުން ތުހުމަތުކުރާ ގޮތުގައި، ސަރުކާރުން މި ބަދަލުތައް ގެންނަނީ ވައުދުތައް ނުފުއްދޭތީ ރައްޔިތުންނާ ކުރިމަތިލާން ޖެހިލުންވާތީއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވި ގޮތުގައި، މަޖިލިސް ޗުއްޓީގައި އޮއްވާ ކުއްލިއަކަށް މިފަދަ ބޮޑު ބަދަލެއް ހުށަހެޅުމުންވެސް ސަރުކާރުގެ ނިޔަތް ގޯސްކަން ހާމަވެއެވެ. އަދި ހަރަދު ކުޑަކުރުމުގެ ނަމުގައި މިކަން ކުރި ނަމަވެސް، ސިޔާސީ މުވައްޒަފުން ގިނަކުރުމާއި އިސްރާފު ކުރުން ހުއްޓާނުލާކަން މެންބަރުން ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ސަރުކާރު އަތުގައި އޮތުމުން ރައްޔިތުންގެ ގާތަށް ނުގޮސް ވެރިކަމުގައި ތިބެވޭނެ ގޮތްތައް ނިންމުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެހެންކަމުން، މިކަން ހުއްޓުވުމަށް އޮތް ހަމައެކަނި ބާރަކީ ރައްޔިތުން ކަމަށާއި، މަޖިލިސް ދައުރު ކުރުކުރުމާ ގުޅޭގޮތުން ނަގާ ހިޔާލު ހޯދުމުގެ ވޯޓުގައި ރައްޔިތުން "ނޫނެކޭ" ބުނުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ސަރުކާރުގެ އަސްލު އަމާޒަކީ ރިޔާސީ ދައުރު ދިގުދަންމާލުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް