ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގެ ތެރެއިން
އަބުރާބެހުމުގެ ބިލަކާއި ބޯހިޔާވަހިކަމުގެ ބިލަކާއެކު ޖުމްލަ 28 ބިލެއް ސަރުކާރުގެ ފަރާތުން އިއްޔެ ފެށި މަޖިލީހުގެ ތިން ވަނަ ދައުރަށް ހުށައެޅުމަށް ނިއްމައިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ މި ދައުރު ޖުމްލަ 28 ބިލެއް ހުށައަޅަން ނިއްމައިފައިވާ ކަމަށެވެ. މުޅިން އަލަށް 19 ބިލެއް އަދި މިހާރު އަމަލު ކުރަމުން ދާ ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ނުވަ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ނިއްމައިފައިވާ ކަމަށް ބަންޑާރަ ނައިބްގެ އޮފީހުން ހާމަކުރެއެވެ.

އަލަށް ހުށަހަޅާ 19 ބިލުގެ ތެރޭގައި އަބުރާ ބެހޭ ބިލެއް ހުށައެޅުމަށް ވަނީ ނިއްމާފައެވެ. މިފަހަރު ހުށަހަޅުމަށް ހަމަޖެހިފައި ވަނީ، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލެވެ. އަބުރާބެހޭ ބިލެއް ހުށައެޅުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ފާސްކޮށް ތަސްދީގު ކުރި "އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އަށް އެންމެ ބޮޑަށް ފާޑުކިޔާފައިވަނީ މިއަދުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންނެވެ.

އެގާނޫނުގެ ދަށުން އެތަށް މީޑިއާތަކެއް ވަނީ ބޮޑެތި އަދަދުތަކުން އޭރު ޖޫރިމަނާވެސް ކޮށްފަ އެވެ. އަދި އެ ގާނޫނުގެ ދަށުން އެތަސް ނޫސްވެރިއަކަށް ވަނީ ދަޢުވާ ވެސް ކޮށްފައެވެ. މި ސަރުކާރު އައި ފަހުން ހިނގާދިޔަ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ ގާނޫނު ވަނީ އުވާލާފައެވެ. އެގާނޫނު އުވާލުމަކީ ރައީސް އިބްރާހީމްގެ ވައުދެކެވެ.

މި ސަރުކާރުން އަލުން އަބުރުގެ ގާނޫނެއް ވުޖޫދަށް ގެންނަން އުޅޭތީ ގިނަ ބަޔަކު ވަނީ ފާޑުކިޔަން ފަށާފައެވެ. ޚާއްޞަކޮށް މިކަމަށް ފާޑުކިޔަމުން ދާ ފަރާތްތަކުގެ ތެރޭގައި ނޫސްވެރިން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގައި އަލަށް ހުށަހަޅާ ބިލު ތަކުގެ ތެރޭގައި ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމުގެ ބިލެއްވެސް ހިމެނޭ ކަމަށް ބަންޑާރަ ނައިބްގެ އޮފީހުން ބުނެ އެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. އަދި މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވިއްކި އެޖެންޑާ-19ގެ ތެރޭގައި ގާނޫނަކުން ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް ބިލެއް އެކުލަވާލުމަށް ވަނީ ނިއްމާފައެވެ. ނަމަވެސް މިވަޢުދުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް މިސަރުކާރުން ހަނދާނައްތާލާފައިވާ ކަމަށް ބުނެ މާލެއަށް ނިސްބަތްވާ އެމްޑީޕީގެ އިސް ބައެއް އެކްޓިވިސްޓުން ދަނީ އަޑު އުފުލަމުންނެވެ.

މީގެ އިތުރުން މީޑިއާ ކައުންސިލާއި ބްރާޑްކާސްޓިން ކޮމިޝަން އެއްކޮށްލައި އެއް މުވައްސަސާ އަކަށް ހެދުން ވެސް އަލަށް ހުށައަޅާ ބިލްތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ. އެ ބިލުގެ ނަމަކީ، މޯލްޑިވްސް މީޑިއާ ބްރޯޑްކާސްޓިން އެތޯރިޓީގެ ބިލެވެ.

ނިމިދިޔަ ދެވަނަ ދައުރުގައި 21 ބިލެއްގެ މަސައްކަތް މަޖިލީހުން ނިއްމާފައިވެއެވެ. އިއްޔެ ފެށި މަޖިލީހުގެ ތިން ވަނަ ދައުރު ނިމޭނީ އަންނަ ނޮވެމްބަރުމަހުގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން