އެއްވެސް މީހަކަށް އަނިޔާވެރި ވުމެއްނެތި ޢަދުލުވެރިކަމާއިއެކު ރައްޔިތުންގެ ހައްގުތައް ހޯދައި ދެއްވާނެ ކަމުގައި ހޯމް މިނިސްޓަރ އިމްރާނު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގައި 20 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމާއި ގުޅިގެން 2015 ވަނަ އަހަރުގެ "މޭ ޑޭ"ގައި ކުރި މުޒާހަރާގެ ހަނދާންތައް އައު ކުރައްވައި، މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭރުވެސް މަގުތަކަށް ނުކުމެ އަޑު އުފުއްލަވަމުން ގެންދެވީ، ރައްޔިތުންގެ ހައްގުތަކާއި، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމުން ކަމަށެވެ. އަދި އޭރުވެސް ވިދާޅުވަމުން ދިޔައީ އަނިޔާވެރި ނުވެ އަދުލުވެރިކަމާއިއެކު ކަންކަން ކުރުމަށް ކަމުގައެވެ.

އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2015 ވަނަ އަހަރުގެ މެއި އެއް ވަނަ ދުވަހު އެތައް ބައިވަރު ރައްޔިތުންނާއެކު، މަގުމައްޗަށް ނުކުމެ ދެއްކެވި ވާހަކައަކީ، ރައްޔިތުންގެ މުއްސަނދިކަން އޭރުގެ ސަރުކާރުގެ ވެރިން ނުހައްގުން ބޭނުން ކުރަމުންދާ ވާހަކަ ކަމަށެވެ. އަދި މިއަދު އެކަމުގައި ޝާމިލްވި މީހުންގެ އިއުތިރާފާއެކު، ޝަރީއަތުން އެކަންކަން ސާބިތުވަމުން އަންނަ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

"އެދުވަހުގެ ހާލަތާއި މިއަދުގެ ހާލަތު ވަޒަންކޮށްލީމާ ހިތައް އަރަނީ ﷲގެ ކުޅަދުންވަންތަކަން. އޭރުވެސް ދެންނެވިން އަދި މިހާރުވެސް މި ދަންނަވަނީ އެއްވެސް މީހަކަށް އަޅުގަނޑުމެން އަނިޔާވެރިއެއް ނުވާނަން. ރައްޔިތުންގެ ހައްގު ރައްޔިތުންނަށް ހޯދައި ދޭނަން." މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.

މޭ ޑޭ ގައި މަގުތަކަށް ނުކުންނަން ޖެހުނީ އޭރުގެ ސަރުކާރުގެ އިސްވެރިން ދައުލަތުގެ ފައިސާއާއި، ރައްޔިތުންގެ މިލްކިއްޔާތަށް ޚިޔާނާތްތެރިވެ ނުހައްގުން މުއްސަދިކަން ހޯދާތީ އެކަމާއި ދެކޮޅަށް އަޑުއުފުލުމަށް ކަމަށެވެ. އެދުވަހު ކުރި މަސައްކަތުން މިއަދާއި ހަމަޔަށް މިކަމުގައި ޝާމިލުވި މީހުންނަށް ޤާނޫނީ އިމުގެ ތެރެއިން ކަނޑައަޅަންޖެހޭ އަދަބު ކަނޑައެޅިގެންދާކަމީ އިންސާފު ޤާއިމްވެގެންދާ ކަމުގެ ހެއްކެއް ކަމުގައި މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

"މޭ ޑޭ 2015 ގައި އެތައް ބައިވަރު ރައްޔިތުންނާއިއެކު މަގުމައްޗަށް ނުކުމެ އަޅުގަނޑުމެން ދެއްކީ ރައްޔިތުންގެ މުއްސަދިކަން އޭރުގެ ސަރުކާރުގެ ވެރިން ނުހައްގުން ބޭނުން ކުރަމުން ދިޔަވާހަކަ. މިއަދު އެކަމުގަ ޝާމިލުވި ފަރާތްތަކުގެ އިއުތިރާފާއިއެކު ޝަރީއަތަށް އެކަންކަން އެދަނީ ސާބިތުވަމުން." މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.

މަނީ ލޯންޑަރިންގެ ދެ ދައުވާއާ ގުޅިގެން އަދީބު 2 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާތީ އެފައިސާ، 5 އޮކްޓޯބަރު 2020 އިން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކާ ހަލާސް ކުރުމަށް ވެސް ކްރިމިނަލް ކޯޓުގެ ޙުކުމްގައި އޭނާ އަށް ވަނީ އަންގާފައެވެ.

ކުރިން މި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައި ކޯޓުގައި އިސްތިއުނާފުކޮށް އަލުން ކްރިމިނަލް ކޯޓުން މައްސަލަ ބަލަން އެންގުމުން މިދިޔަ ބުދަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އަދީބު ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ގެއްލިގެންދިޔަ ފައިސާތައް ހޯދަންޖެހޭ ކަމަށާއި އެކަމުގައި އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. ދައުލަތުން ކުރި ހަތް ދައުވާއަށް ވެސް އޭނާ އިއުތިރާފްވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ޚިޔާނަތުގެ ފައިސާ ހޭދަކުރި ގޮތުގެ ބައެއް ތަފްސީލްތައް ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ ހާމަކުރައްވާފައެވެ. އަދި ކުށަށް އިޢުތިރާފުވެ ތައުބާވެ ވަޑައިގެން ރައްޔިތުންގެ ކިބައިން މަޢާފަށް ވެސް އަދީބު ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން