ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ޔޮޓާއި ސަފާރީ ފަދަ އުޅަނދުފަހަރު ރާއްޖެ އައުމާއި އެއްވެސް ރަށެއްގައި ބަނދަރުކުރުން މަނާކޮށްފައި އޮތް އޮތުމަށް ނިމުން ގެނެސް ފަތުރުވެރިކަން އަލުން އިޔާދަ ކުރުމަށް ކުރަމުންދާ މަސައްކަތުގައި އުންމީދީ މަންޒަރުތަކެއް ފެންނަން ފަށައިފި އެވެ.

ޔޮޓް ސަފާރީ އެންމެ ގިނައިން ބަނދަރުކުރަމުންދާ ރަށްތަކަށް މިހާރު އަނެއްކާވެސް ފަތުރުވެރިކަމުގެ އުފާވެރި މަންޒަރުތައް ދަނީ ފެންނަމުންނެވެ. މިގޮތުން ހއ. އުލިގަމަށްވެސް މިއަދު ވަނީ ޔޮޓެއް ބަނދަރުކޮށްފައެވެ. އެދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އުންމީދީ މަންޒަރެއް ކަމަށާއި، މިއާއިއެކު އުލިގަމުގައި ސިޓީހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްޤީކުރުމުން އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

"ކޯވިޑްގެ ހާލަތާއި ގުޅިގެން ދުވަސްކޮޅަކަށްފަހު ފުރަތަމަ ޔޮޓް އުލިގަމުގައި ބަނދަރުކޮށްފި. އުފާވެރި އުންމީދީ މަންޒަރެއް. އުލިގަމުގެ ޔޮޓް ބަނދަރު ތަރައްޤީ ކުރުމަށް ސަރުކާރުން ފެއްޓެވި މަސައްކަތަކީ މުޅި ސަރަހައްދުގެ ކުރިއެރުމަށް ވަރަށް މުހިންމު މަސައްކަތެއް." ސަލީމް ވިދާޅު ވިއެވެ.

ހއ. އުލިގަމުގައި ސިޓީހޮޓަލަކާއެކު ޔޮޓު މެރީނާއެއް ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބިޑު ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ހއ. އުލިގަމުގައި ސިޓީހޮޓަލަކާއެކު ޔޮޓު މެރީނާއެއް ތަރައްޤީކުރުމަށް ޝައުގުވެރިވާ ރާއްޖޭގެ އަދި ބޭރު ޤައުމުތަކުގެ އިންވެސްޓަރުންނަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ. އަދި މި މަޝްރޫޢަށް އުލިގަމުން 36 ހެކްޓަރުގެ ބިމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

މި މަޝްރޫޢާ ގުޅޭ މައުލޫމާތުދިނުމުގެ ސެޝަނެއް މިމަހުގެ 22 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންނަ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން